އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދައުވާކުރި ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު، ދައުވާ އަށް އެއްބަސްވެއްޖެއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާގެ ޝަރީއަތް ކޯޓުގައި ފެށުމާ އެކު، އޭނާ މިއަދު ކުށަށް އިއުތިރާފު ވެފައިވާ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް ބުންޏެވެ.

އެހެންކަމުން އަވަސް ނިޔާގެ އަޑުއެހުމެއްގައި އަންނަ ބުރާސްފަތި ދުވަހު އޭނާ އަށް ހުކުމް އިއްވަން ވަނީ ހަމަޖެހިފައެވެ.

ގާނޫނުލްއުގޫބާތު ބުނާ ގޮތުން، އެ ދައުވާ ސާބިތުވެއްޖެ ނަމަ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ކުށަށް އިއުތިރާފުވެއްޖެ ނަމަ، އަދަބު ލުއިވާނެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގިރި އަށް ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލައިގައި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ވަނީ ތިން މަހާއި 26 ދުވަހަށް ގޭ ބަންދަށް ބަދަލުކޮށްފައެވެ. ދެ މީހުން ވެސް ކޯޓުގައި ކުށަށް އިއުތިރާފްވެފައިވެއެވެ.