ދެވަނަ ފަހަރަށް ރައީސްކަން ކުރައްވައިގެން "ބޮނޑިއެއް" ލިބިދާނެ ކަމަށް ވިދާޅުވެ، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި އެމްޑީޕީގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރޭގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެތޯ ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަމާސާ ރާގެއްގައި ނަޝީދު ވިދާޅުވީ، ރައީސްކަން ދެވަނަ ފަހަރަށް ކުރައްވައިގެން އެމަނިކުފާނަށް އަނެއްކާ ވެސް ލިބޭނީ ބޮނޑިއެއް ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލަކަށް ވަޑައެއް ނުގަންނަވައެވެ.

އަނެއްކާ ވެސް ލިބޭނީ ބޮނޑިއެއް ކަމަށް އެކަނިކުފާނު އިޝާރާތް ކުރެއްވި އިރު، އެމަނިކުފާނު ވަނީ އޭރު ރައީސަކަށް ހުންނަވައި، އިދިކޮޅުގެ މުޒާހަރާތަކުގެ ސަބަބުން ދައުރު ހަމަނުވަނީސް އިސްތިއުފާ ދެއްވައިފައެވެ.

އެކަމަކު، އެމަނިކުފާނު ގެންގުޅުއްވާ ބަރުލަމާނީ ވިސްނުންފުޅުގެ ވާހަކަފުޅު ދެއްކެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ތަކުރާރުކޮށް ވިދާޅުވާ ގޮތުގައި، ބަރުލަމާނީ ނިޒާމަކުން ނޫނީ ރާއްޖޭގެ ވެރިކަން ނުހިންގޭނެއެވެ. އެ ނޫން ގޮތަކަށް ރައީސްކަން ކުރައްވާ ނަމަ، އާންމުން އެމަނިކުފާނު ދެކެ ރުޅި އަންނާނެ ކަމަށް ވިދާޅުވިއެވެ.

"ނިޒާމު ބަދަލުކުރުމުގެ މަސައްކަތް އަޅުގަނޑު ކުރާނެ. އަޅުގަނޑު ދެކޭނީ އަޅުގަނޑަށް ކާމިޔާބު ވާނެ ކަމަށް. އަޅުގަނޑު ދެކޭނީ ރިޔާސީ އިންތިހާބަށް ވުރެ މުހިންމު ވެގެން އަންނަން ވާނީ ޕާލިމަންޓްރީ އިންތިހާބު ކަމަށް." ނަޝީދު ވިދާޅުވިއެވެ.

އެ ތަފްސީލު ދެއްވުމަށް ފަހު، ނަޝީދަށް ކުރެއްވި ސުވާލަށް ސީދާ ޖަވާބު ނުދެއްވައި ވިދާޅުވީ، އެ ސުވާލު އަދި ނުނިކުންނަ ކަމަށެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީގެ ކޮންގްރެސްގައި އެމަނިކުފާނުގެ ގަރާރު ކާމިޔާބު ނުވެ، ނިންމާލަން ޖެހުމުން އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވާނެތޯ ވަނީ ސުވާލު އުފެދިފައެވެ.

ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައި ވެއެވެ. ރައީސް ވިދާޅުވާ ގޮތުގައި، އެމްޑީޕީ އަށް ވެރިކަން ކާމިޔާބު ކުރެވޭނީ އެމަނިކުފާނު ނުކުންނަވައިގެންނެވެ.