74 ފަސިންޖަރުންނާއެކު މާލެ އިން އިންޑިއާގެ ޓްރިވެންޑްރަމަށް މިއަދު މެންދުރު ފުރި، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާ ބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.

މޯލްޑިވިއަން އިން ބުނީ، މޯލްޑިވިއަންގެ އެއާބަސް 321 ގެ މަރުކާގެ ބޯޓަށް ދިމާވީ މައްސަލަ އަކީ ހައިޑްރޯލިކް ޕްރެޝާ އިންޑިކޭޓަރުގެ މައްސަލައެއް ކަމަށާއި އެކަން މިހާރު އިތުރަށް ބަލަމުން އަންނަ ކަމަށެވެ. މައްސަލަ ހައްލު ކުރެވެންދެން އެ ބޯޓުގެ ދަތުރުތައް މިހާރު ވަނީ މެދުކަނޑާލާފައި ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އެ މަތިންދާ ބޯޓުގައި ދަތުރު ކުރީ 74 ފަސިންޖަރުންނެވެ.

އިންޑިއާ އަށް ދިއުމަށް އެ ބޯޓު ފުރި ނަމަވެސް އެ ޓެކްނިކަލް މައްސަލައާ ހުރެ އަނބުރާ ވެލާ ނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ފްލއިޓްޖައްސާފައި ވުމުން އޭގެން ދަތުރު ކުރި ފަސިންޖަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަން އެއާލައިނުން މި ވަގުތު އެއާބަސް މަރުކާރުގެ ދެ ބޯޓު ގެންގުޅެއެވެ. އެ ދެ ބޯޓު އާންމުކޮށް ބޭނުން ކުރަނީ ރާއްޖެ އިން ބޭރުގެ ދަތުރުތަކަށެވެ.