މަސައްކަތުގެ މާހައުލު ސާފުތާހިރުކޮށް ބެހެއްަތުމަށް ފެނަކަ މުވައްޒަފުން މިއަދު ސާފު ކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

މި އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން ހަވީރު 4:00 އަށެވެ. އިވެންޓަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ ބްރާންޗްތަކެއް ހިމެނޭގޮތަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެގޮތުން އަތޮޅުތެރޭގައި ހުރި ޖުމްލަ 156 ފެނަކަ ބްރާންޗްގެ މުވައްޒަފުން މި ހަރަކާތުގައި ވަނީ ބައިވެރިވެފައެވެ.

ފެނަކައިން ބުނީ، މިއަދު ބޭއްވި ސާފު ކުރުމުގެ ހަރަކާތުގެ މައިގަނޑު މަގްސަދަކީ އެ ކުންފުނިން ހިދުމަތްދޭ ބްރާންޗްތަކުގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ މާހައުލަކީ ސާފުތާހިރު، އަދި އެ ތަންތަނުގައި ކޮންމެހެން ހިފަހައްޓަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓިފައިވާ ތަންތަނުގެ ގޮތުގައި ކަށަވަރުކުރުން ކަމަށެވެ. އެގޮތުން، ފެނަކައަކީ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް ދިވެހިރާއްޖޭގެ ބޮޑު އާބާދީއަކަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމުގައިވާތީ، އެ ހިދުމަތްދޭ ބްރާންޗްތަކަކީ އެރަށެއްގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނާއި މުވައްޒަފުންނަށް ރައްކާތެރި އަދި މަސައްކަތުގެ ފެންވަރު އެންމެ ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ ފެންވަރުގެ ތަންތަންކަމުގައި ދެމެހެއްޓުމަކީ މިކުންފުނީގެ އަމާޒެއް ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކަ މުވައްޒަފުން ނިކުމެ މިއަދު ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ މަސައްކަތުގެ ތެރެއިން

މި ހަރަކާތުގެ ތެރެއިން ކުރި މައިގަނޑު ކަންކަމުގެ ތެރޭގައި، ގުދަންކުރެވިފައިވާ ތަކެތި ހުރީ މަސައްކަތްކުރާ މީހުންނާއި އެއްޗެހި ދައުރުކުރުމަށް ހުރަސް ނޭޅޭގޮތަށް އަދި ވަކިވަކިން ރައްކާކުރެވިފައިތޯ ބެލުމާއި ހުޅުރޯވާ އަދި ގޮވާތަކެތި ހުރީ "ހުޅުރޯވާ" ނިޝާން ޖަހާފައިތޯ ބަލައި އަދި އެތަކެތި ރައްކާކުރެވިފައި ހުރީ ސޭފްޓީ ކޭންސްގައިތޯ އާއި، ބެހެއްޓިފައި ހުރީ ހަމައެކަނި އެވަގުތު މަސައްކަތް ކުރަން ބޭނުންވާ މިންވަރަށްތޯ ވެސް ވަނީ ބަލާފައެވެ. ހަމައެއާއެކު އެޗްއައިޑީ އަދި މާކިއުރީ ވޭޕާ ލޭމްޕްސް ފަދަ ހެޒާޑަސް ވޭސްޓް ރަނގަޅަށް ރީސައިކަލް ކުރެވިފައިވޭތޯ ބަލައި ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ އާއި ސޭފްޓީ ޑާޓާ ޝީޓް ވަގުތުން ލިބެންހުރިތޯ ވެސް ވަނީ ބަލާފައެވެ.

މީގެ އިތުރުން އިންޖީނުގޭގައި ކޭބަލްތައް ގެންގޮސްފައިވަނީ ރަނގަޅަށްތޯ ބަލައި، ކޭބަލްތަކުގެ އިންސިއުލޭޝަން ހަލާކުވެފައިނެތްކަން ޔަގީން ކުރުމާއި ތެޔޮ ރައްކާކޮށް ބެހެއްޓިފައި ވަނީ އީޕީއޭގެ ގަވާއިދާ އުސޫލުގެ ތެރެއިންތޯ ބެލައި، ކެމިކަލްތައް ރައްކާކުރެވިފައި ހުރީ ރަނގަޅަށް ލޭބަލް ކޮށްފައިތޯ އާއި މުއްދަތު ހަމަވެފައިހުރި ތަކެތި އުކާލެވިފައިވެތޯ ވެސް ބަލާފައެވެ. އަދި ހުޅުހިފާ ޒާތުގެ އެއްޗެހި އަޅާ ކުނިވަށި ހުރީ ވަކިން ފާހަގަ ކުރެވި ހުއްދަދެވިފައި ތޯ ބެލުމުގެ އިތުރުން ވިހަ އަދި ހުޅުހިފާ ޒާތުގެ ނައްތާލަންޖެހޭ ކެމިކަލްސް ހިފާގެންގުޅެނީ ރަނގަޅަށްތޯ ބެލުމާއި ގޭސް ސިލިންޑަރުތައް ރައްކާކުރެވިފައި ހުރީ ގަދަ ހޫނާއި، އަލިފާނާއި ދުރުގައިތޯ ވެސް ވަނީ ބަލާފައެވެ. ފެނަކަ އޮފީސް ހިންގާ ސަރަހައްދުތަކުގެ އިތުރުން ރަށުގެ އެހެން ފާހަގަ ކުރެވިފައިވާ ސަރަހައްދު ތަކުގައިވެސް މި އިވެންޓް ހަރަކާތުގެ ތެރެއިން ވަނީ ސާފު ކޮށްފައެވެ.

ތިމާވެށި ހިމާޔަތްކުރުމަކީ ގައުމެއް ނުވަތަ ރަށެއް ނުވަތަ ވަކި ހާއްސަ ތަނެއް ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ތިމާވެއްޓަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލަށްވެފައި ތިމާވެށި ހިމާޔަތް ކުރުމަކީ ރަށުގެ އެންމެންގެ ނުވަތަ އެތަނެއްގައި އުޅޭ އެންމެންގެ ޒިންމާއެއް ކަމަށް ވެސް ފެނަކައިން ބުނެއެވެ.