ރޭ އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މީހަކު އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މައްސަލާގައި 40 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރު ތަފްސީލު ހާމަނުކުރި ނަމަވެސް އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުގޮސްފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

މީގެ މިދިޔަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު ހަސަން ޒިޔާދު ކިޔާ ދިވެއްސަކު ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ އެތެރެއަށް އަދި ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށް ކުޑަކަމު ގޮސްފައި ވާއިރު އޭނާ ހައްޔަރުކުރުމަށް ފަހު ސިކުނޑިހަމަނުޖެހޭ މީހެއް ކަމަށް ބުނެ ވަނީ ދޫކޮށްލާފައެވެ. އެހެންނަމަވެސް ޖެންޑާއިން އޭނާގެ ސިކުނޑީގެ އުނިކަމެއް ނެތް ކަމަށް ބުނެފައި އޮއްވާ އިބްރާހީމް މިސްކިތުގައި ބާއްވާފައި އޮތް ހަތިމަކަށް ކުޅު ޖެހި މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު ދެން ދުލެއް ނުކުރެއެވެ.

މިދިޔަ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހު އައްޑޫސިޓީ ފޭދޫގެ މަސްޖިދުލް އަމާނި މިސްކިތައް ބޮޑު ކަމުދިޔަ މީހާ ހައްޔަރުކުރުމަށް ފަހު ބަންދުގައި ބަހައްޓައިފިނަމަ ހާލު ގޯސްވެދާނެތީ ކަމަށް ބުނެ ވަނީ ދޫކޮށްލާފައެވެ.