ލުބުނާނުގެ އެކި ބޭންކްތަކުގައި ހުރި ފައިސާ ނަގަން ބޭނުންވެ ނުނެގިގެން އާންމުން އަރައިގަތުމުން ބޭންކުތައް ބަންދުކުރަން ނިންމައިފިއެވެ.

ހަބަރުތައް ބުނާ ގޮތުން، މިއަދު ވަނީ ބެއިރޫތުގައި ހުންނަ 8 ބޭންކަކާއި އެކި ސަރަހައްދުތަކުގައި ހުންނަ އިތުރު ބޭންކްތަކަށް އާންމުން ވަދެގެންފައެވެ.

ބޭންކްތަކަށް އާންމުން ވަދެގަތީ، އެމީހުންގެ އަމިއްލަ އެކައުންޓްތަކުގައި ހުރި ފައިސާ ނަގާށެވެ.

ލުބުނާނުގެ އާންމު އިގްތިސޯދީ ހާލަތު އދ އިން ކަނޑައަޅާ ފަގީރުކަމުގެ މިންގަނޑަށް ވުރެ ދަށަށް ވެއްޓި، ބޮލަކަށް ދުވާލެއްގެ މައްޗަށް 2.15 ޑޮލަރުވެސް ނުޖެހޭ ހާލަތެއްގައި އޮތް އިރު، އެ ގައުމުގެ ފައިސާގެ އަގު، ޑޮލަރާ އަޅާ ބަލާއިރު 38،000 ލެބަނީސް ޕައުންޑަށް ވެއްޓިފައި ވުމުން، ގައުމު ވަނީ ހުއްޓުމަކާ ގާތުގައެވެ.

ބޭންކުތަކަށް އާންމުން ގަދަކަމުން ވަންނަން ފެށީ، އެމީހުން ބޭންކްތަކުގައި ރައްކާ ކޮށްފައި ހުރި ފައިސާ ދޫކުރަން ބޭންކުތަކުން ދެކޮޅު ހަދުމާއި ކޮންޓްރޯލް ކޮށްގެން ޑޮލަރު ދޫކުރާތީ އާންމު ހަރަދުތައް ފޫބައްދާނެ ފައިސާ ނެތި އަތްމަތި ހުސްވެ ކެތްތެރިކަން ކޮޅުންލައިގެން ކަމަށް ހަބަރުތައް ބުނެއެވެ.

މިއަހަރު ފެށުނީންސުރެ ދޭތެރެ ދޭތެރެއިން ބޭންކުތަކަށް ވަދެ، މުވައްޒަފުންނާއި ބޭންކަށް ގޮސް ތިބޭ ކަސްޓަމަރުން ރަހީނު ކުރުމުގެ ހާދިސާތައް ހިނގާފައި ވާއިރު، މިދިޔަ ބުދަދުވަހު ވަނީ ބޭންކެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ، އެކައުންޓުގައި ހުރި ފައިސާ، ބިރުދައްކައިގެން ހޯދާފައެވެ.

މި ކަން ހިނގިތާ ދެދުވަސް ފަހުން، މިއަދު އާންމުން ވަނީ ބޭންކުތަކަށް އަރައިގެންފައެވެ. ބޭންކުތަކަށް އަރައިގަންނަ މީހުން، ޑިމާންޑް ކުރަނީ އެމީހުންގެ އެކައުންޓްގައި ހުރި ފައިސާ ދިނުމަށް ކަމަށް ވާއިރު، އިތުރު ހަމަނުޖެހުމެއް ނުހިނގި ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި 3 ދުވަހަށް ބޭންކުތައް ބަންދު ކުރަން ނިންމާ، ސިފައިން ދަނީ ފޯރި މަރަމުންނެވެ.