ހޮލީވުޑްގެ މަޝްހޫރު އެކްޓްރަސް ބްލޭކް ލައިވްލީ ހަތަރު ވަނަ ދަރިފުޅަށް ބަނޑުބޮޑުކަން އިއުލާންކޮށްފިއެވެ.

ބްލޭކް ބަނޑުބޮޑުކަން ހާމަވެގެންދިޔައީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި 10 ވަނަ އެނުއަލް ފޯރބްސް ވުމަން ސުއިޓްސް ހަފްލާގައިންނެވެ. ބްލޭކް އަކީ މިހާރު ވެސް ތިން ކުދިންގެ މަންމަ އެކެވެ. އެއީ ޖޭމްސް 7، އިނެޒް 5 އަދި ބެޓީ 2، އެވެ.

ބްލޭކް ލައިވްލީ ކައިވެނިކޮށްގެން އުޅެނީ ހޮލީވުޑްގެ މަޝްހޫރު ތަރި ރަޔަން ރޭނޯލްޑްސް އާއެވެ. މިދެތަރިން ކައިވެނިކުރީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަަރު މަހުގައެވެ. މިދިޔަ އަހަރު ރަޔަން ވަނީ އެކްޓިންނާ ކުޑަދުވަސްކޮޅަކަށް ދުރަށްދާ ކަމަށް ހާމަކޮށްފައެވެ. އެއީ އޭނާގެ ކުދިންނާއެކު ގިނަ ވަގުތު ހޭދަކުރަން ކަމަށް ބުނެއެވެ.

"އަހަރެންގެ ހަޔާތުގައި ވަރަށް އެކްޓިން ކުރެވިއްޖެ. އަހަރެން ބޭނުމެއްނޫން ކުދިން ހެދިބޮޑުވާ މަރުހަލާގައި އެއްވެސް ކަމެއް މިސްވެގެންދާކަން. ބޭނުންވަނީ ދަރިންނަށް ނޯމަލް ދިރިއުޅުމެއް އުޅެވޭ ގޮތް ހަދަން. ބައްޕަ އަކަށްވުމުން ވަރަށް އުފާވެސްވޭ. ކުދިން ހެނދުނު ސްކޫލަށް ގެންގޮސް ބަލާ ދިޔުމަކީ އަހަރެން އެންމެ ކުރާހިތްވާ ކަންތައް،"

ބްލޭކް އާއި ރަޔަން ފާހަގަވެފައިވަނީ ވަރަށް ހަމަޖެހޭ ލޯބި ދިރިއުޅުމެއް އުޅޭ ދެތަރިންގެ ގޮތުގައެވެ.