ޔޫކްރައިންގެ ވަރުގަދަ ހަމަލާތަކުގެ ކުރިމަތީގައި ބަލިވެ ކާކީވް ދޫކޮށް ރަޝިއާ ސިފައިން ފޭބި އިރު އެތައް ބަޔަކު ވަޅުލާފައި އޮތް ބޮޑު ގަބުރުސްތާނެއް ފެނިއްޖެ ކަމަށް ޔޫކްރައިންގެ ރައީސް ވްލްޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ޒެލެންސްކީ ވިދާޅުވީ ރަޝިއާ ސިފައިން ކާކީވްގެ އިޒްޔަމުން ފޭމުބާއެކު އެސަރަހައްދު ބަލައި ފާސް ކުރުމުގެ ތެރޭގައި ފެނުނު އެ ގަބުރުސްތާނުގައި 440 މީހަކު ވަޅުލާފައި އޮތްކަމަށެވެ. އެއީ މުޅިންވެސް ރަޝިއާ ސިފައިން ކަމަށްވެސް ޔޫކްރައިން ބުނެއެވެ.
ނަމަވެސް އެ ސަރަހައްދަށް ދިޔަ ނޫސްވެރިން ބުނެފައި ވަނީ، އެ ގަބުރުސްތާން ފެނުނީ، އިޒްޔަމްގެ އިރުއުތުރުން ގަސްތަކުގެ ތެރެއިން ކަމަށާއި، އެ ގަބުރުސްތާނުގައި ލަކުޑިން ހަދާފައި ވާ ސޮލީބުތައް ޖަހާފައި ހުރި ކަމަށެވެ. އަދި ވަކިން އޮތް ބޮޑު ތަނެއްގައި ސޮލީބެއް ޖަހާ އެތާނގައި ތިބީ ޔޫކްރައިންގެ 17 ސިފައިން ކަމަށް ލިޔެފައި އޮތް ކަމަށްވެސް ބުނެއެވެ.
މައިނާއި ގޮވާތަކެތި ވަޅުލާފައި ހުރެދާނެ ކަމަށް ބަލައި ސަލާމަތީ ބާރުތަކުން، މެޓަލް ޑިޓެކްޓާ ބޭނުން ކޮށްގެން އެސަރަހައްދު ބެލުމުގެ މަސައްކަތް ކުރާ އިރު، ގަބުރުސްތާން ކޮނެގެން އިތުރު ތަހުގީގުތައްވެސް މިހާރު ކުރިއަށް އެބަގެންދެއެވެ.
ރަޝިއާ ސިފައިން ޔޫކްރައިން އަށް އަރާ ހަމަލާ ދެމުން ދާތާ 6 މަސް ވެފައި ވާއިރު، ދެފަރާތުންވެސް ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފައެވެ. މަރުވާ މީހުންގެ އަދަދާއި، ޒަހަމްވާ މީހުންގެ ސައްހަ އަދަދުތައް ދެފަރާތުން ކުރެ ފަރާތަކުން ހާމަ ނުކުރާ އިރު، އާންމުވެފައި ވާ ބައެއް ފޮޓޯތަކާއި ވީޑިއޯ ފްޓޭޖްތަކުން ފެންނަ ގޮތުގައި ބޮޑެތި ގަތުލުއާންމުވެސް ހިންގާފައި ވެއެވެ. އެގޮތުން މިއަަހަރު އޭޕްރީލްގައި ރަޝިއާ ސިފައިން ކީވް ދޫކޮށް ފޭބި އިރު، އެ ޝަހަރުގެ މަރިއުޕޮލް އާއި ބުޗާގެ މަގުމަތީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ކަތިލާފައި ތިބި އެތައް ބަޔަކު ފެނިފައި ވެއެވެ.
ހަނގުރާމައިގައި ރަޝިއާ އަށް ރައްދު ދިނުމުގައި ހުޅަނގުގެ ޒަމާނީ ހަތިޔާރާއި މަދަދާ އެކު ޔޫކްރައިން އިން ދަނީ ކުރި ހޯދަމުންނެވެ. ފާއިތު ވި 2 ހަފްތާ އަކީ، ރޫކްރައިން އިން އެންމެ ބޮޑު ކުރިއެރުމެއް ހޯދި 2 ހަފްތާއެވެ. ބޮޑުތަނުން ކުރިއެރުން ހޯދާފައި ވާ އިރު، ރަޝިއާގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ދަނީ މައިދާނަށް ހަތިޔާރުތައްވެސް ދޫކޮށް ފިލަމުންނެވެ.