ހަމަހަމަކަމާއެކު ކަރަންޓްގެ ހިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒަކަށް ވާއިރު، އެސްޓީއޯ އިން އަމާޒު ހިފާފައި ވަނީ، އެ ކުންފުންޏަކީ ތިމާވެއްޓާ ރައްޓެހި މާހައުލެއް އޮތް ކުންފުންޏެއްގެ ގޮތުގައި ބިނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އެސްޓީއޯ އަކީ ސޯލާ އެނާޖީ ބޭނުން ކުރާ ތަނަކަށް ހެދުމަށް ފެށި ޕައިލެޓް ޕްރޮޖެކްޓްގެ މަސައްކަތް ނިންމާލައިފިއެވެ.

2 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެސްޓީއޯ އިން ނިންމާލީ މުނާސަބަު ދުވަހެއްގައެވެ. އެއީ ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަ ކުރަމުންދާ ދުވަހާ ދިމާކޮށެވެ.

އެސްޓީއޯ އިން ބުނީ، ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަ ކުރަމުންދާ އިރު، އެ ކުންފުނީގެ ސަސްޓެއިނަބިލިޓީ ޕްލޭންގެ ދަށުން އިތުރު ލަނޑުދަނޑިއަކަށް ވާސިލްވެވޭނެ ކަން އިއުލާނު ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ގްރީން އިނީޝިއޭޓިވްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރިނިއުބަލް އެނާޖީން ކަރަންޓް އުފެއްދުމަށް ހިންގުނު ޕައިލެޓް ޕްރޮޖެކްޓް ފުރިހަމަ ވެއްޖެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ ސްޓޭޕަލް ވެއާހައުސްގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް އިއްޔެގެ ނިޔަލަށް ނިމިފައިވާ ކަން އެ ކުންފުނިން ފާހަގަ ކުރެއެވެ. މާލޭގެ ކަޅުތުއްކަލާކޮއްޓާ އިންވެގެން ހުންނަ އެސްޓީއޯގެ ކާޑު ގުދަނުގައި އިންސްޓޯލް ކޮށްފައިވާ ސޯލާ ފެނަލްތަކުން ސްޓޭޕަލް ވެއާހައުސް އަށް ބޭނުންވާ ކަރަންޓުގެ އިތުރުން އެތަނުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑުބައެއް ވެސް ސޯލާ އެނާޖީން ބޭނުން ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ ސްޓޭޕަލް ވެއާހައުސްގައި ސޯލާ ޕީވީ ސިސްޓަމް ގާއިމް ކުރަނީ

އިއްޔެ މި ޕްރޮޖެކްޓް ނިންމާފައިވާ އިރު، ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. މިހާރު އެސްޓީއޯގެ ކާޑު ގުދަނަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމުގެ ގޮތުން ގުދަނުގައި ބޭނުން ކުރެވެމުން ދަނީ ތިމާވެއްޓާ ރައްޓެހި ބެޓްރީ ފޯކްލިފްޓް ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން ބުނީ، މި ނިމުނު ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބު ވުމާ އެކު ދެން ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އެ ކުންފުނީގެ އެކި އެކި އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓް އުފެއްދުމަށް ރިނިވްބަލް އެނާޖީގެ އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ވަނީ ރާވާފައި ކަމަށެވެ. މީގެ އިތުރުން ވެސް ގްރީން އިނީޝިއޭޓިވް ދަށުން އެތައް ޕްރޮޖެކްޓްތަކެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ކާބަން އެމިޝަން މަދުކުރުމަށް ކުރެވޭނެ ކަންކަން ބަލައި އެގޮތުގެ މަތިން ކުންފުނީގެ މަސައްކަތްތައް ބަދަލުކުރުން ކަމަށް ބުނެއެވެ.