މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގާ 'ބިންވެރިޔާ ސްކީމް' ގައި މާލޭ މީހުން ތަފްސީލު ކޮށްފައިވާ ގޮތަށް އިސްލާހެއް ގެނެސްފިއެވެ.

ހައުސިން މިނިސްޓްރީން އާންމު ކުރި އިސްލާހުގައި ބުނާ ގޮތުގައި، މާލޭގެ ރައްޔިތެއްގެ ގޮތުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައި ނުވާ މީހުން ނަމަވެސް، އެ މީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތަކަށް ވެފައި، ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން، ކަނޑައަޅާފައިވާ ގަވައިދެއްގެ ސަބަބުން ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓްރީގައި ޖެހުމަށް ފަހު މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި މީހަކު ރަޖިސްޓްރީވެފައި ވާނަމަ، އެފަދަ މީހުންނަކީ ވެސް މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލާނެއެވެ.

މާލެ މީހުންނަށް ގޯތި ދޫކުރަން ނިންމައި ފޯމް ހުށަހަލަން ހުޅުވާލި އިރު، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށާއި މާލެ ސަރަހައްދުން ފުލެޓު ދޫކުރުމަށް ސަރުކާރުން ވަނީ ދެ ސްކީމެއް އިއުލާން ކޮށްފައެވެ. އޭގެތެރެއިން 'ބިންވެރިޔާ' ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅައިފައިވާ އުސޫލުގައި ކުރިން ބުނާ ގޮތުން، 'މާލޭގެ ރައްޔިތުން' ކަމުގައި ބަލާނީ މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި އެއްވެސް އިރެއްގައި ޖެހިފައި ނުވާ މީހުންނެވެ. ދަފްތަރުގައި ޖެހިފައި ތިބޭ މީހުންނަށް ފުރުސަތު އޮތް ނަމަވެސް މީގެ ކުރިން މާލެ ނޫން ތަނެއްގައި ރަށްވެހިވެފައިވާ ނަމަ އެމީހާގެ ޝަރުތު ފުރިހަމަ ނުވާ ގޮތަށް އެ އުސޫލުގައި ހަމަޖައްސާފައި އޮތުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުން ބިމަށާއި ފްލެޓަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާ އިރު، ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުން ގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. މާލެ މީހުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ އާއި ގުޅީފަޅުންނެވެ.

ގޯތި ދޫކުރާ އިރު އެކަކު ގޯއްޗަށް އެދި ހުށަހަޅާ ނަމަ ލިބޭނީ 1250 އަަކަފޫޓުގެ ބިމެކެވެ. އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު، ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. އެގޮތުން 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމްލަ 4000 އަކަފޫޓުގެ ބިމެއް ކަމަށް އެ އުސޫލުގައި ބުނެއެވެ.

ޖޮއިންޓް އެޕްލިކޭޝަނުގައި މައި އެޕްލިކަންޓާއެކު ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ކިބައިގައި، ގޯއްޗަށް އެދި ހުށަހެޅުމަށް ފުރިހަމަ ވާން ޖެހޭ ޝަރުތުތަށް ފުރިހަމަ ވާން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވެ ކުރެވޭ މީހުންގެ އިތުރު ޝަރުތުތަކަށް ބަލާއިރު އެ ޝަރުތުތަކަކީ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީވެފައި އޮންނަ ގޯތީގެ ބެލެނިވެރިން، މަންމަ، ބައްޕަ، ދެމަފިރިން، ދަރިން، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހުންނަށް ވުމެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަލާއިރު، މާލޭގެ ރައްޔިތެއް ކަމުގައިވުމާއި، 18 އަހަރު ފުރިފައިވާ މީހެއްކަމުގައި ވުމާއި، މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުމާއި، 600 އަކަފޫޓަށް ވުރެ ބޮޑުތަނެއް ރަޖިސްޓްރީވެފައިވާ ނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިވާ މީހެއްކަމުގައި ނުވުމާއި، ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުމާއި، އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައި ނުވުން ހިމެނެއެވެ.