މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ހއ. އުތީމުގައި ބާއްވަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށާއި އެ ޖަލްސާ އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

މިއުވާން ވިދާޅުވީ ގައުމީ އިނާމު ދިނުމުގެ ޖަލްސާ މާލޭގައި ބާއްވާނެ ކަމަށާއި އެ ޖަލްސާ އޮންނާނީ އޮކްޓޫބަރު މަހުގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

ގައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. މިދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހި ގައުމު މިނިވަން ކުރުމަށް އަލްޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުން ކުރެއްވި މިންނެތް މަސައްކަތުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.