އެމްޕީއެލްގެ ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުން ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިން ޝާހިދު ވިދާޅުވީ އެމްޕީއެލްގެ ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުން ކަމަާށެވެ. އަދި ޖާގައިގެ ދަތިކަމާ ހެދި އެމްޕީއެލްގެ އޮފިސްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު ވެސް ކުންފުނީގެ އޮަޕަރޭޝަންތައް އޮމާންކަމާއެކު ކުރިއަށް ގެންދެވެނީ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ހެނދުނު ބޭއްވި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޝަރީފު އާއި ސިއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސިއީއޯ އިބްރާހިމް އަބްދުﷲ ބައިވެރިވެ ވަޑައިގެންވި ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މީގެ އިތުރުން ކުންފުނީގެ އެހެން މެންބަރުންނާއި ސީނިއާ މެނޭޖްމަންޓުގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވި ކަމަށް އެމްޕީއެލް އިން ބުނެއެވެ.