ރައްކާތެރި ސާފު ބޯފެނުގެ ހިދުމަތް ހދ. ނޮޅިވަރަންފަރުގައި ރަސްމީކޮށް ދޭން ފަށައިފިއެވެ.
ފެނަކައިން ބުނީ ނޮޅިވަރަންފަރުގައި މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ހުސެއިން ރަޝީދު ޙަސަން އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު ކަމަށެވެ.
ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށާފައި ވަނީ ނޮވެމްބަރު 1، 2018 ގައެވެ. އަދި މި މަސައްކަތް ނިންމާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ކަމަށް ފެނަކައިން ބުނެއެވެ.
ފަނަކައިން ބުނީ ގާއިމު ކޮށްފައިވާ 45 ޓަނުގެ 2 ޕްލާންޓުން ދުވާލަކު 90 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ކަމަށެވެ. އަދި މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީއެއް ބެހެއްޓިފައިވާ ކަމަށާއި 16.7 ކިލޯމީޓަރު ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ، މި ހިދުމަތް ދެމެހެެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ދޭން ފެށުމުން ނޮޅިވަރަމުގެ ރައްޔިތުންނަށް ދިމާވެފައިވާ ތަގައްޔަރުވެފައިވާ ލޮނު ފެން ބޭނުންކުރުން މާޒީވެ ދިޔައީ ކަމަށެވެ.
މި މަޝްރޫއު ހިންގާފައި ވަނީ ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީ އާއި ސަރުކާރާއި ޔޫއެންޑީޕީ ގެ އެހީތެރިކަމާއެކުގައެވެ. އަދި އަމަލީ މަސައްކަތް ކުރީ އެންވަޔަރަންމަންޓް މިނިސްޓްރީ އިން ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއާ ލިމިޓެޑް އާ ހަވާލުކޮށްގެންނެވެ.
ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއަކީ 36.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.