ރަށްރަށުން ޔުޓިލިޓީ ހިދުމަތްތަކަށް ދޫކުރާ ބިންތަކުން ކުލި ނެގުމަކީ ކުރަން ފެނިވަޑައިގަންނަވާ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ލާމު ގަމުގައި ބޭއްވި ވިޔަވަތި ކޮންފަރެންސްގައި، ބައެއް ކައުންސިލްތަކުން ފާޅުކުރި ހިޔާލުތަކާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ، ޔުޓިލިޓީ ކުންފުނިތަކަށް ދޫކޮށްފައި ހުރި ބިންތަކުން ކުލި ނަގަން ފެނިވަޑައި ނުގަންނަވާ ކަމަށާއި، މިހާރެކޭ އެއްގޮތަށް ވީހާވެސް ފަސޭހައިން ކައުންސިލްތަކުން ބިން ދޫކުރުމަށް ފެނިވަޑައިންނަވާ ކަމަށެވެ.

އޭގެ ބަދަލުގައި ކުންފުނިތަކުން ހިދުމަތްތައް ރަނގަޅަށް ދޭން ވާނެ ކަމަށާއި ޑިސްކައުންޓް ދޭންޖެހޭ ހާއްސަ ހިދުމަތްތަކަށް ލުއިގޮތްތަކެއް ހަމަޖައްސައި ދޭން ވާނެ ކަމަށް ފެނަކައާއި، ސްޓެލްކޯ ފަދަ ކުންފުނިތަކަށް އިލްތިމާސް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޔޫޓިލިޓީ ހިދުމަތާ ގުޅިގެން ވިޔަވަތި ކޮންފެރަންސްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެފައި ވަނީ ސަރުކާރުގެ އަމާޒަކީ ކަރަންޓު ހިދުމަތްދޭ އިރު ވީހަވެސް އަގު ކުޑަކޮށް އެ ހިދުމަތް ދިނުން ކަމަށެވެ. އެ ގޮތުން ފެނަކަ އިންޖީނުގެ ހިންގާ ބިންތަކުން ކުލި ނަގަން ފަށައިފި ނަމަ ކަރަންޓު ބިލަށް އޭގެ އަސަރު ކުރާނެ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު ކުރާނީ ރައްޔިތުންނަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ފެނަކައަކީ ސާވިސްއެއް ޕްރޮވައިޑް ކޮށްދޭ ކުންފުންޏެއް“ ކަމަށާއި ވިޔަފާރި ކުރާ ކުންފުންޏެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ކުލި ނެގުމުން ލިބޭ ފައިދާއަށް ވުރެ ބޮޑު ފައިދާއެއް ރަށްރަށުގައި ފެނަކައިން އުފައްދާ ވަޒީފާތަކުގެ ސަބަބުން ލިބޭނެ ކަމަށާއި މަދު ބަޔަކު ލައިގެން ކުރެވިދާނެ މަސައްކަތްތައް ގިނަ މުވައްޒަފުން ނަގައިގެން ކުރަނީ ވެސް ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް ކަމަށް ސައީދު ވިދާޅުވިއެވެ.

ފެނަކައަކީ މިހާރު ވެސް ރަށްރަށުގެ ކައުންސިލްތަކާއި ސްކޫލް މަދަރުސާތަކާއި އިޖްތިމާއީ އެކި ފަރާތްތަކަށް ދަތިވެ ނުކުރެވި ހުންނަ ގިނަ ކަންތައްތަކުގައި ބޮޑެތި އެހީތެރިކަން ފޯރުކޮށްދީ، ރަށްރަށުގެ ރައްޔިތުންނާ ގާތުން ހިދުމަތްދޭ ކުންފުންޏެކެވެ.