ތައިލޭންޑްގެ ރާނީ، ސުތީދާ ހެދުން ތުރުކުރައްވާ ގޮތަށް ހެނދުން އެޅި ކަމަށް ބުނެ އެކްޓިވިސްޓަކު 2 އަހަރަށް ޖަލަށް ލައިފިއެވެ.

ތައިލޭންޑްގައި ރަސްކަމަށް ނިސްބަތްކޮށް ފާޑިކިޔުމާ ދެކޮޅަށް ވަރުދަގަ ގާނޫނެއް ހަދާފައި އޮވެއެވެ. ޖަލަށް ލީ އެކްޓިވިސްޓް ސިޔާސީ ހަރަކާތެއްގައި ލައިގެން ހުރި ޕިންކް ކުލައިގެ ހެދުމަކީ، ރާނީވެސް ތުރުކުރައްވާ ފާޑުގެ ހެދުމެކެވެ.

އުމުރުން 25 އަހަރުގެ އެކްޓިވިސްޓް ޖަލަށް ލާން ހުކުމް ކުރުމުން، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތްތަކުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. އެ މައްސަލައިގައި ދައުވާ ލިބުނު ސައިއުއެންގް ވުނެފައި ވަނީ އޭނާ ލީ ސަގާފީ ހެދުމެއް ކަމަށާއި އެއީ އެއްގޮތަކަށްވެސް ރާނީއާއި ތަސްކަމަށް ކުޑަމީސް ވާ ހެދުމެއް ނޫން ކަމަށެވެ. އޭނާ އެ ހެދުން އަޅައިގެން ސިޔާސީ ހަރަކާތުގައި ބައިވެރިވި އިރު، ދައްކައި ދިނީ ރެޑްކާޕެޓްގައި ހިނގާފައި ދާ މީހެއްގެ މިސާލެވެ. އޭނާ ހިނގާފައި ދާއިރު ފަހަތުގައި އޭނާއަށް ހިޔާ ދޭން ކުޑަ ނަގައިގެން ދާ މީހަކުވެސް ހުރެއެވެ.

ނަމަވެސް ހުދުމުހުތާރު އަސްކަރީ ވެރިކަމެއް އޮންނަ ތައިލޭންޑްގެ ކޯޓުން އެކަން ގަބޫލެއް ނުކުރެއެވެ. 2014 ވަނަ އަހަރު ބަޣާވާތެއް ގެނެސް އަސްކަރީ ވެރިކަމެއް ގާއިމުކޮށްފައި ވާ ތައިލޭންޑްގައި ރަސްކަމަށް ކުޑަމީސް ވާ ގޮތަށް ހެދުން އެޅުމުގެ އިތުރުން، ހިޔާލުފާޅުކުރުމަކީވެސް ކުށެކެވެ. ދާދި ފަހުން އެ ގައުމުގެ ސިވިލް ސާވަންޓަކު ސޯޝަލްމީޑިއާގައި ފާޅު ކުރި ޝުއޫރަކާ މެދު ހިތްހަމަ ނުޖެހިގެން އޭނާވެސް ވަނީ 43 އަހަރަށް ޖަލަށް ލައިފައެވެ.

ތައިލޭންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން - އޭނާ އަކީ ހެދުން ތުރުކުރެއްވުމުގައި އަމިއްލަ ގޮތްގަނޑެއް ގެންގުޅުއްވާ ރަސްގެފާނެއް

ތައިލޭންޑަކީ، ދިވެހިންވެސް އާންމުކޮށް ގޮސް އުޅޭ ގައުމެއްގެ އިތުރުން، ވިޔަފާރީގެ މަރުކަޒެއްވެސް މެއެވެ. ތައިލޭންޑްގެ އާ ރަސްގެފާނަކީ އޭނާގެ އަމިއްލަ ލައިފްސްޓައިލެއް ގެންގުޅުއްވާ، ހެދުން ތުރުކުރެއްވުމުގައިވެސް އާދަޔާ ހިލާފު ބޭފުޅެކެވެ. އޭނާގެ ހަށިކޮޅުގައި ޓެޓޫ ޖައްސަވާ، އުނގަނޑުން ތިރިއަށް ވެއްޓިފައި އޮންނަ ޖީންސް އާއި ބަނޑުފުޅާއި ކޮނޑުމަތިން ފެންނަ ވަރުގެ ކުޑަ ޓޮޕް ތުރުކުރައްވާ ކުޅިވަރާއި މަޖަލުގައި އުޅުއްވާ ރަސްކަލެކެވެ.