ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ސޮއިކުރި ކޯލިޝަން އެއްބަސްވުމުގެ 90 ޕަސެންޓު ކަންކަން ދަނީ ދިމާ އިދިކޮޅަށް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުމަކަށް ގެނައުމަށް އެއްބަސްވެ، އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން، އެމްއާރުއެމުން ވަނީ ކޯލިޝަނެއް އެކުލަވާލައިފައެވެ. ކޯލިޝަނެއް ރޫޅުމުގެ ތަޖުރިބާ އަލުން އިއާދަވިޔަ ނުދޭން އެ ޕާޓީގެ ލީޑަރުންތައް ބައެއް ކަންކަމަށް އެއްބަސްވެފައި ވެސް ހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޕާޓީތަކުން ސަރުކާރު ހިއްސާކުރާނެ ނިސްބަތް ކަނޑައެޅުން
  • ކޯލިޝަން ވެރިކަމަށް ގާނޫނީ ބާރު ދިނުން

ނަމަވެސް، އެ އެއްބަސްވުމަށް އަމަލުކުރުމަށް އެމްޑީޕީގެ ލީޑަރުން ވަނީ ވެރިކަމުގެ ކުރީކޮޅު ދެކޮޅު ހައްދަވައިފައެވެ. އެގޮތުން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހެއްދެވި އެއް ބޭފުޅަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވި ގޮތުގައި، ކޯލިޝަނެއް ނެތި އެއްވެސް ބަޔަކު ނިކުމެ މިހާތަނަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފައެއް ނެތެވެ. މިހާތަނަށް ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް ދެވަނަ ބުރެއް އޮތް ކަން ގާސިމް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިހެން ވާނެ ކަމަށް އޭނާ ލަފާކުރައްވައެވެ.

"އަޅުގަނޑަށް ވިސްނޭ ގޮތުގައި އަދި ކުރިއަށް އޮތް ތަނުގަ ވެސް އެކަން ދިމާނުވުމަށް ވުރެ ގާތީ ވުން (ކޯލިޝަނެއް އުފެދުން)."
ގާސިމް އިބްރާހީމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

އެއަށް ފަހު، ގާސިމް ވަނީ ކޯލިޝަން އެއްބަސްވުމަށް އަމަލުކުރަން އެމްޑީޕީގެ ވެރިން ދެކޮޅު ހެދުމުން އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ، މިހާރު ކޯލިޝަނެއް އޮތުމެކޭ ނެތުމެކޭ ވަނީ އެއްވަރު ކަމަށެވެ.

ނަމަވެސް، ކޯލިޝަން އުވާލި ކަން ނުވަތަ ނޫން ކަން ވެސް ރަސްމީ ސިފައެއްގައި ސަރުކާރުން ނާންގާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެކަމަކު ދެން ހަގީގަތަކީ އެ އެއްބަސްވެފަ އޮތް އެއްބަސްވުމަކާ ގާތަކަށް ވެސް 90 ޕަސެންޓު ވެސް އޮތީ ފުލްފިލްނުވެ. 10 ޕަސެންޓު ހަމަ އެކަނި ފުލްފިލްކޮށް މި ދަނީ. ދެން އެއީ ދެން ސަރުކާރެއް އައީމަ އެކަން އޮންނަ ގޮތް. އެހެންނަމަވެސް އެއީ ވަކި ސަރުކާރަކުންނޫން. ކުރީ ދެ ސަރުކާރަށް ވުރެ [މި ސަރުކާރު] ރަނގަޅު."
ގާސިމް އިބްރާހީމް | ޖުމްހޫރީ ޕާޓީގެ ރައީސް

އެހެން ނަމަވެސް، ކޯލިޝަން އެއްބަސްވުމާ އެއްގޮތަކަށް ގިނަ ކަންތައްތަކެއް ނުހިނގާ ކަމަށާއި، 90 ޕަސެންޓު ދިޔައީ އެއްބަސްވުމާ އެއްގޮތް ނުވެ ކަމަށް، މާޔޫސީ ރާގެއްގައި ގާސިމް ވިދާޅުވިއެވެ.

"އެ ބޭފުޅާ (ރައީސް) ވެސް އެއްބަސްވެވަޑައިގެން ސޮއިކުރެއްވި ސޮއިކުރެއްވުމާ އެއްގޮތަކަށް ކައިރިއަކަށް ވެސް ނުދެވޭ. 90 ޕަސެންޓު މި ދަނީ އެއްގޮތް ނުވެ." ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން، މި ސަރުކާރު ހިންގާ ކޯލިޝަން އޮތީ ނަމެއްގައި ކަމަށް ވިދާޅުވެ، ގާސިމް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ

ކޯލިޝަން އެއްބަސްވުމާ ގުޅިގެން ގާސިމް ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު، އަންނަ ޑިސެމްބަރު މަހުގައި ބާއްވާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެހެން ޕާޓީތަކާ އެކު އެ ޕާޓީން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގޮތް ނިންމާނެއެވެ. އަދި އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވެސް، ގާސިމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.