ލާމަރުކަޒުކޮށް ރާއްޖެ ތަރައްގީކުރުމަކީ ހަރަދުބޮޑު ބުރަ މަސައްކަތެއް ނަމަވެސް މި ސަރުކާރުގެ ޕްލޭނަކީ ޖަޒީރާ ތަރައްގީގައި ރަށްރަށް ތަރައްގީކޮށް ކުރިޔަށްގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ބިނާވެށި ޕްލޭން ހެދުމުގައި ކުރިމަތިވާ ދަތިތަކުގެ މައްސަލައަކީ އުކުޅަހުގައި ބޭއްވި ކޮންފަރެންސްގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލަ ކަމުގައިވީނަމަވެސް ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިމުނު އިރު އެކަން ބަދަލުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން އުކުޅަހު ކޮންފަރެންސުގައި ނިންމި ނިންމުންތަކަށްފަހު ކައުންސިލުތަކުން ބިނާވެށި ޕްލޭންތައް މިހާރު ހަދަމުން އަންނަކަމަށާއި މިހާރު ކުރަންޖެހޭކަމަކީ ބިނާވެށި ޕްލޭންތަކަށް ހުއްދަދެވޭނެ އަވަސް ގޮތްތަކެއް ހޯދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޕްލޭންގެ ބައިބަޔަށް ވަކިން ހުއްދަދެވޭ ކަހަލަ ގޮތަކަށް ހަމަޖެއްސުމާއި ބެހޭގޮތުން ކޮންފަރެންސްގައި މަޝްވަރާ ކުރައްވާފައިވާ ކަން ރައީސް ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށް ދެކެވުނު ވާހަކަތަކަކީ ވަރަށްބޮޑު ބުރަދަނެއް ހުރި ވާހަކަތަކެއްކަން ފާހަގަކުރައްވާ އެ ކޮމެޓީތަކަށް މާލީގޮތުން ހުރި ދަތިތަކާއި ކޮމެޓީގެ މެންބަރުންނަށް މަސައްކަތްކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމްކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަސައްކަތްކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމު ކޮށްދިނުމުން ވެސް، އ.ތ.މ. ކޮމެޓީތަކަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ޙައްލުތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. ހަމަ އެހެންމެ އ.ތ.މ ކޮމެޓީތަކަކީ ފުލްޓައިމްކޮށް މަސައްކަތްކުރާގޮތަށް މެންބަރުން އިންތިހާބުކުރާ ތަނަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުމަށާއި އަދި އެއީ ގާނޫނަށް ބަދަލެއް ގެންނަންޖެހޭ ކަމެއްތޯ ބެލުމަށްފަހު އެކަން ހައްލުކުރުމަކީ ވެސް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހަޅައި މަޝްވަރާކުރެވުނު ގޮތަށް، ބްލޮކް ގްރާންޓް ދިނުމުގައި މަހުން މަހަށް ދިނުމުގެ ބަދަލުގައި އަހަރުގެ ތެރޭގައި 4 ބަޔަށް ބަހާލައިގެން ދޫކުރާގޮތަށް އަންނަ އަހަރު ބަޖެޓު ދެމުންގެންދާއިރު ބަދަލުގެންނަވާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ބްލޮކް ގްރާންޓް ދިނުމުގައި ހުރިހާ ރަށަކަށް އެއްހަމައަކުން ދޭ އުސޫލުގެ ބަދަލުގައި ވަކިވަކި ރަށްރަށުގެ ހާލަތައް ބަލައިގެން އެންމެ އެކަށޭނެ މިންވަރެއް އެރަށްރަށަށް ނުވަތަ ސިޓީތަކަށް ލިބޭގޮތަށް ބަދަލު ގެންނަންޖެހޭކަން ވެސް ފާހަގަކުރައްވާފައެވެ.