މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޕީޖީއަށް 271 މައްސަލައެއް ހުށަހެޅިކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތަކުވާ ގޮތުގައި އެ 271 މައްސަލައެއްގެ ތެރެއިން 57 މައްސަލައެއްގައި ދައުވާ ނުކުރަން ނިންމާފައިވާއިރު 138 މައްސަލައެއް އިތުރު މައުލޫމާތު ސާފުކުރަން ވަނީ އަނބުރާ ފޮނުވާލާފައެވެ. އަދި ބަލައިގަތީ 76 މައްސަލައެވެ.

ޖިނާއީ ތަހުގީގު ނިންމައި ދައުވާކޮށްދޭން އިދާރާތަކުން ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން ފުލުހުން ވަނީ 268 މައްސަލަ ފޮނުވާފައެވެ. ކަސްޓަމުން ދެ މައްސަލަ ހުށަހަޅާފައި ވާއިރު އޭސީސީއިން މިދިޔަ މަހު ފޮނުވާފައިވަނީ އެންމެ މައްސަލައެކެވެ.

އެ 271 މައްސަލާގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ 82 މައްސަލައަކާއި ވައްކަމުގެ 58 މައްސަލައެއް ހިމެނެއެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ 47 މައްސަލައަކާއި މާރާމާރީ ހިންގުމުގެ 12 މައްސަލައެއް ހިމެނޭ ކަމަށްވެސް ޕީޖީއިން ބުނެއެވެ.

އެ މައްސަލަތަކުގެ ތެރެއިން ޑްރަގް ކޯޓުން މައްސަލަތައް ނިންމި ގޮތައް ބަލާއިރު ޝަރުތަކާ ނުލާ 35 ޕަސެންޓު މައްސަލަ ހުކުމްކޮށްފައިވާއިރު ފުރަތަމަ ހުކުމުގައި 55 ޕަސެންޓު މައްސަލަ އޮތްއިރު އަށް ޕަސެންޓު މައްސަލަ ފަރުވާއިން ވަނީ ވަކިކޮށްފައެވެ. މީގެ އިތުރުން ދެ ޕަސެންޓު މައްސަލަތައް ވަނީ ފަހު ހުކުމުގައި ޝަރުތަކާއެކު ވަނީ ހުކުމްކޮށްފައެވެ.