އަމީނީމަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާތީ އެ މަގުގެ ބައެއް ބަންދުކޮށްފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތައް ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް އަމީނީ މަގު ބަންދުކޮށްފައިވާ ކަމަށެވެ.
އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 84 މިލިއަން ރުފިޔާއަށެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތް ކުރާނީ އެ މަގުގައި ހުރި ގަސްތަކުގައި އަތްނުލައި ނުވަތަ ނުކަނޑާވާނެ ގޮތަކަށް ކަމަށާއި އެކަމަކު ބައެއް ގަސްތަކުގެ މޫތައް ހުރި ގޮތުން އެ ގަސްތައް ނަގައިގެން މަސައްކަތް ކުރަން ޖެހިދާނެ ކަމަށް އާރްޑީސީއިން ބުނެއެވެ. އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރުއަޅާއި، ފެންހިންދާ ނިޒާމެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.