ލަންކާއަށް ދިމާވެފައިވާ އިގްތިސޯދީ އަނދަވަޅުގަނޑުގެ ތެރޭގައި 37 ޖޫނިއާ މިނިސްޓަރުން އައްޔަން ކޮށްފިއެވެ. ރައީސް ރަނިލް ވިކްރަމަސިންގްހަ ގެ ސަރުކާރުގައި މިހާރުވެސް 20 މިނިސްޓަރުން ތިއްބަވައިރު، އަލަށް 37 ބޭފުޅަކު ޖޫނިއާ މިނިސްޓަރުންނަށް އައްޔަން ކުރި މައްސަލައިގައި އެގައުމުގެ އިފިކޮޅު ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަލަށް އައްޔަން ކުރި ޖޫނިއާ މިނިސްޓަރުންނަކީ ވެރިކަން ކުރާ ޕާޓީ، ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) އާއި ސްރީލަންކާ ފްރިޑަމް ޕާޓީ (އެސްއެލްއެފްޕީ) އަށް ނިސްބަޔްވާ ބޭފުޅުންނެވެ. މި ބޭފުޅުންގެ އިތުރުން ކެބިނެޓަށް އިތުރު 12 ބޭފުޅަކު އައްޔަން ކުރުމުގެ ވާހަކަ ދެކެވޭ މިދަނޑިވަޅުގައި ލަންކާގެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ، އާންމުންނަށް އަނގަޔާއި އަތާ ދިމާނުވެގެން އުޅެ ދަނޑިވަޅެއްގައި އެފަރާތްތަކަށް ދޭނެ މުސާރައާއި އިނާޔަތްތައް ހަމަޖައްސާ، މިހާރުވެސް ތެޔޮ ލިބުން ދަތިވެފައި ޥާއިރު، އެބޭފުޅުންނަށް ތެލުން ވެސް ބޮޑު ސަބްސިޑީ ލިބޭތީއެވެ.
ޓެކްސްތައް މަތިވެ، އާމްދަނީ ލިބޭނެ ވަސީލަތްތައް ހުއްޓީ ގައުމު ހުއްޓުމެއްގައި އޮއްވާ މީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން އިދިކޮޅު ސަމަގީ ޖަނާ ބަލަވޭގަޔާ (އެސްޖެބީ) ގެ ލީޑަރު ސަޖިތު ޕްރެމަދާސާ ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ މައްޗަށް އެއްވެސް އިހުސާންތެރިކަމެއް ނެތް ކަމަށާއި ރައްޔިތުން އެ އުޅެނީ އަނގަޔާއި އަތާ ދިމާނުކުރެވިގެން ކަމަށެވެ.
އިދިކޮޅު ޖަނަތަ ވިމުކުތީ ޕެރަމުނާ (ޖޭވީޕީ) ގެ ލީޑަރު އަރުނަ ކުރާމާ ޑިސަނަޔަކަ ވިދާޅުވީ، ސަރުކާރުގެ ވަޒީންނާއި ސްޓޭޓް މިނިސްޓަރުންނަށް މުސާރަ ދީފައި ރައްޔިތުންނަށް ދޭނެ އެއްޗެއް ނެތް ކަމަށެވެ.
އިދިކޮޅުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވާ، އާބަން ޑިވެލޮޕްމަންޓް އެންޑް ހައުސިން މިނިސްޓަރު ޕްރަސަންނާ ރަނަތުންގާ ވިދާޅުވީ، އަލަށް އައްޔަން ކުރި ޑެޕިއުޓީ މިނިސްޓަރުންނަކީ ސަރުކާރަށް ބުރައަކަށް ނުވާނެ ކަމަށާއި އެހެނީ އެމީހުންނަކީ މިނިސްޓަރުންނަށް ލިބިވަޑައިގަންނަވާ އިމްތިޔާޒުތައް ލިބިވަޑައިގަންނަވާނެ ބައެއް ނޫން ކަމަށެވެ. އަދި އެ ބޭފުޅުން މަސައްކަތް ކުރައްވާނީ މިހާރުވެސް އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ އެމްޕީއެއްގެ މުސާރައިގައި ކަމަށްވެސް އޭނާ ވިދާލުވެއެވެ.
ލަންކާ އަކީ ޕާލިމެންޓަރީ ނިޒާމެއް އޮންނަ ގައުމެއް ކަމުން، ބޮޑުވަޒީރާއި ކެބިނެޓް މިނިސްޓަރުންނަކީ ވެސް މަޖިލީހުގެ މެންބަރުންނެވެ.