ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަނގުރާމަ ފެށިފަހުން ކުރިމަތިވި އެންމެ ބޮޑު ބަލި، ގަބޫލުކޮށް ޔޫކަރައިންގެ ކާކީވު ދޫކޮށްލައި ފައިބައިފިއެވެ.

ކާކީވްގެ އިޒްޔަމް ސަރަހައްދު ހިފައިގެން ތިބި ރަޝިއާ ފައުޖު ތައް އެތަން ދޫކޮށް ފޭބީ، ފާއިތުވި ދެތިން ދުވަހު ޔޫކްރައިންގެ ސިފައިން ދިން ވަރުގަދަ ހަމަލާ ތަކުގައި ރަޝިއާއަށް ބޮޑެތި ގެއްލުންތައް ލިބި، އެތަން ހިފައިގެން ތިބެވޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.

ރަޝިއާއިން ވެސް ރަސްމީކޮށް އެކަން އިއުލާން ކޮށްފައި ވާއިރު، ސިފައިން މައިދާން ދޫކޮށް ފޭނީ، އެމީހުން ގެންގުޅުނު ހަތިޔާރުތައްވެސް ދޫކޮށްލައިފާ ކަމަށް ހަބަރުތައް ބުނެއެވެ.

ޔޫކްރައިންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކާކީވް އަނބުރާ އަތުލި އިރު، މިއީ ހަނގުރާމަ ފެށިފަހުން ޔޫކްރައިން އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. ރަޝިއާއިން ކާކީވް ދޫކޮށް ދިޔުމުން ޔޫކްރައިންގެ ރައީސް ވްލްޑިމީރް ޒެލޮންސްކީ ވިދާޅުވީ، ރަޝިއާ ސިފައިންނަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ މައިދާން ދޫކޮށް ދިޔުން ކަމަށާއި އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާ ވިދާޅުވީ، ރަޝިއާ ސިފައިން ކާކީވް ދޫކޮށްލި ނަމަވެސް އަލުން އެކުވެ، ޑޮނެސްކް ސަރަހައްދަށް މިސްރާބު ޖަހާނެ ކަމަށެވެ.

ރަޝިއާއިން ބައެއް ސަހަރައްދުތަކުން ފަަހަތަށް ޖެހެން ފަށާފައި ވާ އިރު ފާއިތު ހަފްތާގެ ތެރޭގައި ޔޫކްރައިން އިން ވައިގެ މަގުންނާއި އެއްގަމުން ދެމުން ދިޔަ ވަރުގަދަ ހަމަލާ ތަކުގައި ރަޝީއާ ސިފައިންގެ އެތައް ބަޔަކު މަލާފައި ވުމުގެ އިތުރުން ރަޝިއާއިން ހިފި ސަރަހައްދުތަކުގެ ތެރެއިން 2000 ސްކެއާ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ އަނބުރާ އަތުލާފައެވެ.