މީގެ ތިން އަހަރު ކުރިން ޑިޒްނީ އިން ވަނީ އެ ކުންފުނިންގެ ގެނެސްދިން ގިނަ ކާޓޫންތަކެއްގެ ލައިވް އެކްޝަން ފިލްމު ހަދަން އުޅޭ ކަން އިއުލާންކޮށްފައެވެ.

އެގޮތުން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނީ "ދަ ލިޓްލް މާމެއިޑް" ކާޓޫންގެ އަސްލަކަށް ބަލައިގެން އުފައްދާ މިއުޒިކަލް ފެންޓަސީ ފިލްމެވެ. އަންނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޓީޒާ ޓްރެއިލާ އެއް ޑިޒްނީއިން މިވަނީ ހުކުރު ދުވަހު ރިލީޒްކޮށްފައެވެ. ފިލްމުގެ ޓީޒާ އަށް ގިނަ ބަޔަކު ތައުރީފްކުރަމުން އަންނަ އިރު މާމެއިޑް ކުޅޭ ކެރެކްޓާއަށް އާންމުން އަންނަނީ ވަރަށް ބޮޑަށް ތައުރީފްކުރަމުންނެވެ. އަދި މި ފިލްމަށް އިންތިޒާރު ކުރެވޭ ކަމަށްވެސް އެމީހުން ބުންޏެވެ.

ފިލްމުގައި "އޭރިއަލް"ގެ ރޯލުން ފެންނާނީ "ކްލޮއީ އެކްސް ހެލީ" ގްރޫޕްގެ ލަވަކިިޔުންތެރިޔާ ހެލީ ބެއިލީ އެވެ. ތިން އަހަރުކުރިން މި ފިލްމަށް ހެލީ ހަމަޖައްސަމުން ފިލްމުގެ ޑިރެކްޓަަރު ރޮބް މާޝެލް ބުނީ "އޭރިއަލް" ހޯދުމަށް ބުރަ މަސައްކަތެއް ކުރެވުނު ކަމަށާއި އެ ރޯލަށް އެންމެ އެކަށީގެންވަނީ ހެލީ ކަމަށެވެ. އޭނާގެ ގައިން "އޭރިއަލް"ގެ ސިފަ ފެންނަ ކަމަށާއި އޭނާގެ ގައިން ރަނގަޅުހެން ހީވާ ހުރިހާ ސިފަތަކެއް ފެންނަ ކަމަށެވެ. އަދި އޭނާގެ އަޑުވެސް "އޭރިއަލް" ގޮތަށް ފުރިހަމަ ކަމަށެވެ. އަދި އެ ކާޓޫންގެ ވިލަން "އުރްސެލާ"ގެ ރޯލުން ފެންނާނީ މެލިސާ މެކާތީއެވެ.

ހަމައެއާއެކު ޕްރިންސް އެރިކްގެ ރޯލު ކުޅޭނީ ޖޮނާ ހައުއާ ކިންގް އެވެ. 1989 ވަނަ އަހަރު ނުކުތް "ދަ ލިޓްލް މާމެއިޑް: ސިންގް އަލޯންގް" އުފެއްދީ 40 މިލިއަން ޑޮލަރު ހޭދަކޮށްގެންނެވެ. އެ ކާޓޫނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައިރުވެސް މިއަދުވެސް ކުޑަކުދިންގެ އިތުރުން ޒުވާން ކުދިން ވެސް އަންނަނީ މި ކާޓޫން ބަލަމުންނެވެ.

"ދަ ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ފިލްމެއް އަންނަ އަހަރު ގެނެސްދޭއިރު 2024 ވަނަ އަހަރު ޑިޒްނީ އިން އަންނީ "ސްނޯވައިޓް"ގެ ލައިވް އެކްޝަން ފިލްމެއް ނެރެން ތައްޔާރުވަމުންނެވެ.