މާލެ އާއި ވިލިމާލޭގެ އާންމު ތަންތަން ސާފުކުރުމުގެ ހިދުމަތް ދޭން ފެށުމުން، މިހާރު ހިދުމަތް ދިނުމަށް ހޭދަވާ ވަގުތު ކުޑަވެގެން ދާނެ ކަމަށް، ސިޓީ ކައުންސިލުން ބުނެފިއެވެ.

ކުނި އުކާލުމާއި ސާފުކުރުމުގެ ހިދުމަތް މާލޭގައި މިހާރު ދެމުން ދަނީ ވެމްކޯ އިން ނަމަވެސް، ސިޓީ ކައުންސިލުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމީ ބައްދަލުވުމުގައި، ކައުންސިލާއި ވެމްކޯ އާ ދެމެދު ވެފައިވާ އެއްބަސްވުން އާ ނުކުރަން ފާސްކޮށްފައެވެ. ކުނި އުކާލުމާއި ސާފުކުރުމުގެ ހިދުމަތްދޭ ކުންފުނިން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނީ، ކައުންސިލުން އެ ހިދުމަތް ދޭ ނަމަ، ހަރަދުތައް ތިން ގުނަ އަށް އިތުރުވާނެ ކަމަށެވެ.

ވެމްކޯ އަށް ރައްދުދީ މިއަދު ނެރުނު ބަޔާނުގައި ކައުންސިލުން ބުނީ، ކައުންސިލުން ވެމްކޯ އާ އެކު ވެފައިވާ އެއްބަސްވުން އާ ނުކުރަން ނިންމާފައި ވަނީ މާލެ އާއި ވިލިމާލޭގައި މިހާރު ދެމުންދާ ކުނީގެ ހިދުމަތްތައް އަވަސްކުރުމުގެ ބޭނުމުގައި ކަމަށެވެ. ކައުންސިލުން ބުނި ގޮތުގައި، މަހަކު 2.5 މިލިއަން ރުފިޔާ ވެމްކޯ އަށް ހަރަދުކުރާއިރު، މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނިބުނި ގިނަވެ، އާންމުންނަށް އުނދަގޫވެ، ކައުންސިލަށް ބައިވަރު ޝަކުވާ ލިބެމުން ދެއެވެ.

އާންމުންގެ ޝަކުވާ ލިބެމުން ދަނީ ވެމްކޯ އިން އެކަށީގެންވާ ގޮތެއްގައި ހިދުމަތް ދެމުން ނުދާތީ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ހަމަ އެއާއެކު، މާލޭގެ އާޓިފިޝަލް ބީޗާއި، ރަސްފަންނާއި، ޖުމްހޫރީ މައިޒާން ފަދަ ބައެއް ތަންތަނުން ކުނި ނަގައި، އެ ތަންތަން ސާފުކުރަނީ ކައުންސިލްގެ މުވައްޒަފުން ކަމަށް ވެސް، އެ އިދާރާ އިން ބުންޏެވެ. އެއާއެކު ކައުންސިލުން ފާހަގަކުރި ބައެއް ނުކުތާތަކަކީ:

  • ކައުންސިލުން ކުނީގެ ހިދުމަތް ދޭން ފެށުމުން، ހިދުމަތަށް ހޭދަވާ ވަގުތު ކުޑަވެގެން ދާނެ ކަމަށް
  • މަސައްކަތް ކުރިއަށް ދާ ގޮތް ގާތުން ބަލަން ފަސޭހަ ވާނެ ކަމަށް
  • ނަތީޖާގެ ގޮތުން މާލޭގައި އާންމުންނަށް ވެސް ފަސޭހަވެގެން ދާނެ

އެ މަސައްކަތުގައި ކައުންސިލުން ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީން ކަން ވެސް ވަނީ ދީފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނެރުނު ބަޔާނުގައި ވެމްކޯ އިން ބުނީ، ކައުންސިލާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރާ މަސައްކަތަކީ ގާތުން މޮނިޓާ ކުރެވިގެން، ބޮޑު އިސްކަމެއް ދީގެން ކުރެވޭ މަސައްކަތެއް ކަމަށެވެ.

"މާލެ ސިޓީ ކައުންސިލުން މި މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ އުޅަނދުތައް ބޭނުންކޮށްގެން ހިދުމަތް ދޭ ކަމުގައި ވާ ނަމަ، މަހެއްގެ މައްޗަށް އެތައް ސަތޭކަ ދަތުރެއް ކުނި އުކާލުމަށް ހޭދަކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ. އަދި މި ކުނި މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ބޭނުންކޮށްގެން އުކާލުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭނެ. އަދި ކައުންސިލުން ސީދާ ތިލަފުއްޓަށް މި ކުނި ގެންދާ ނަމަ، އެކަމަށް ކުރަން ޖެހޭ ހަރަދު ތިން ގުނަ އިތުރުވެގެން ދާނެ." ވެމްކޯ އިން ނެރުނު ބަޔާނުގައި ވެއެވެ.

ވެމްކޯ އާ އެކު ކައުންސިލުން ވެފައިވާ އެއްބަސްވުން އެންމެ ފަހުން އާ ކުރީ މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން، ޑިސެމްބަރު 26 ގައެވެ. ތިން އަހަރު ދުވަހަށް އާކުރި އެ އެއްބަސްވުން އަންނަ ޑިސެމްބަރު 26 އަށް ހަމަވާނެއެވެ.