ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކާޖޮލް ފެނިގެންދާ ފުރަތަމަ ވެބް ސީރީޒްގައި އޭނާ ކުޅޭނީ ވަކީލެއްގެ ރޯލުކަން ކަށަވަރުވެއްޖެއެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ކާޖޮލްގެ ފުރަތަމަ ވެބް ސީރީޒް "ދަ ގުޑް ވައިފް" ގެ ޓީޒާ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. މިއީ އެމެރިކާގެ މަޝްހޫރު ސީރީޒް "ދަ ގުޑް ވައިފް"ގެ އަސްލަކަށް ބަލައިގެން ތައްޔާރުކުރާ ސީރީޒެކެވެ. މި ސީރީޒްގައި ކާޖޮލް އަކީ ގެވެހި އަނތްބެކެވެ. ނަމަވެސް އޭނާގެ ފިރިމީހާ ޖަލަށްލުމާއެކު އޭނާގެ ދިފާއުގައި ވަކީލެއްގެ ހައިސިއްޔަތުން ކާޖޮލް ނުކުމެއެވެ.

ސުޕަން ވަރްމާ ޑައިރެކްޓްކޮށް ގެނެސްދޭ މި ސީރީޒްގެ ދައްކާނެ ތާރީހެއް އަދި އިއުލާންކޮށްފައިނުވާއިރު މި ސީރީޒަކީ މިއަހަރު އާންމުންނާ ހަމައަށް ގެނެސްދޭނެ ސީރީޒެކެވެ.

އެމެރިކާގެ ސީރީޒް "ދަ ގުޑް ވައިފް" ގެ ފުރަތަމަ އެޕިސޯޑެއް އާންމުންނާ ހަމައަށް އައީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި މި ސީރީޒްގެ ފަހު އެޕިސޯޑު ދެއްކީ 2016 ވަނަ އަހަރުގެ މެއި މަހުއެވެ. ޖުމްލަ ހަތް ސީޒަނަކަށް ބަހައިލައިގެން މި ސީރީޒް ގެނެސްދިން އިރު މި ސީރީޒަށް ވަނީ އާންމުންގެ އިތުރުން ކްރިޓީކުންގެ މަގްބޫލުކަން ލިބިފައެވެ.

ބޮލީވުޑްގެ ބަތަލާ ކާޖޮލް މި ސީރީޒުން ފެނިގެންދާއިރު ބޮލީވުޑް ފިލްމަކުން އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސަލާމް ވެންކީ" އެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދިން ކާޖޮލް އެންމެ ފަހުން ފެނިގެންދިޔައީ 2021 ވަނަ އަހަރު ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމު "ތްރިބަންގާ" އިންނެވެ. އެ ފިލްމަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮއްސައެވެ.