ރަޝިއާއިން ޔޫކްރައިން އަރާ ކުރަމުން ދާ ހަނގުރާމައިގައި ހިފި ސަރަހައްދުތަކުގެ ތެރެއިން 1000 ސްކެއާ ކިލޯމީޓަރުގެ ސަރަހައްދެއް އަނބުރާ އަތުލައިފި ކަމަށް ޔޫކްރައިން އިން ބުނެފިއެވެ.

ޔޫކްރައިންގެ ސިފައިން ކުރިއަަށް ޖެހެމުން ދާކަމަށާއި، ރަޝިއާއިން ގާއިމުވެ ތިބި މަގާމުތަކަށް ވަރުގަދަ ހަމަލާތައް ދޭ ކަމަށް ދެފަރާތުންވެސް އެއްބަސް ވެފައި ވާ މި ދަނޑިވަޅުގައި ޔޫކްރައިން އިން މިހޯދީ ބޮޑު ކާމިޔާބީއެވެ.

ހަނގުރާމަ ފެށިފަހުން މިވީ ހައެއްކަ މަސްދުވަހުގެ ތެރޭގައި ރަޝިއާއިން ވަނީ ޔުކްރައިންގެ ސަރަހައްދުން 5 ޕަސެންޓް ހިފާފައެވެ. ޔޫކްރައިންގެ ވެރިރަށް ކީވް ގެ އިރާއި އުތުރާއި ދެކުނުން ރަޝިއާގެ ސިފައިން ވަދެ ހިފާފައިވާ ތަންތަނަށް ވަރުގަދަ ހަމަލާތައް ދީ، ބޮޑެތި ގެއްލުންތައް ވަނީ ދީފައެވެ.

ޔޫކަރްއިނުން ހަނގުރާމައިގެ ސްޓެރެޓަޖީ ބަދަލުކޮށް، އެއްގަމާއި ވައިގެ މަގުން ދޭ ރައްދު ވަރުގަދަ ކުރުމުގެ އިތުރުން، ކާކީވްގެ ވަށައިގެން ހުރި އަވަށްތަކުގެ ތެރެއިން 40 އަވަށެއްވެސް އަނބުރާ އަތުލާފައި ވާކަމަށް ހަބަރުތައް ބުނެއެވެ.

ޔޫކްރައިން ސިފައިން ފޭސްބްކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވާ ގޮތުން، ފާއިތުވި 3 ދުވަހުގެ ތެރޭގައި 50 ކިލޯމީޓަރަށް ޔޫކްރައިން ސިފައިން ވަނީ ކުރިއަށް ޖެހިފައެވެ. މިއީ އަދި ރަސްމީ އިދާރާތަކުން ހާމަ ކުރި މައުލޫމާތަކަށް ނުވިނަމަވެސް، މި މައުލޫމާތު ސައްހަ ނަމަ މިއީ ހަނގުރާމަ ފެށިފަހުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި 3 ދުވަހަށް ވާނެއެވެ.

ޔޫކްރައިންގެ ކާމިޔާބީ އެގައުމުގެ ރައީސް ވޮލަޑަމީރް ޒެލޮންސްކީ އިއުލާން ކުރައްވާފައި ވާއިރު، އެކަމާ އެއްޗެއް ބުނަން ރަޝިއާއިން ވަނީ ދެކޮޅު ހަދާފައި ކަމަށް ރޮއިޓާސް ބުނެއެވެ.

ހުޅަނގާއި އެމެރިކާގެ މަދަދާއެކު ޔޫކްރައިނުން ހަނގުރާމައިގައި ކުރިއެރުންތަކެއް ހޯދަމުން ދާ އިރު ރަޝިއާގެ ހަނގުރާމައިގެ ސްޓެރެޓަޖީވެސް ދަނީ ބަދަލުކުރަމުން ކަމަށް މުރާސިލުން ބުނެއެވެ. އަދި ބައެއް ސަރަހައްދުތަކުގައި ދެމުން ދާ ހަމަލާތައް އާކޮށް ވަރުގަދަ ކޮށްފައިވާ ކަމަށްވެސް ބުނެއެވެ.

ނަމަވެސް ހަނގުރާމަ ފެށިފަހުން އެ މައިދާނުގެ ސައްހަ މައުލޫމާތު ލިބުމުގައި ހުރަސްތައް ހުރި އިރު، ހުޅަނގުގެ މީޑިއާތަކުން ދައްކާ ވާހަކައާއި ރަޝިއާގެ މީޑިއާތަކުން ދައްކާ ވާހަކައިގާ ބޮޑެތި ފަރަގުތައް އެބަހުއްޓެވެ.