އިނގިރޭސިވިލާތުގެ ރާނީ އަދި ހެޑް އޮފް ދަ ކޮމަންވެލްތު ކްއީން އެލިޒަބަތު 2 ވަނަ، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން (ސެޕްޓެންބަރު 09، 2022 ވާ ހުކުރު ދުވަހުން ފެށިގެން ސެޕްޓެންބަރު 11، 2022 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް) ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވިކަން އިއުލާނު ކުރައްވާފައި ވަނީ މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައެވެ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތަކީ، ދިވެހި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތް، ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވައިފައިވާ ބޭފުޅެކެވެ.

ރާނީ ވަނީ މާޗު 13، 1972 ގައި ރާއްޖެއަށް ތާރީހީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ. އިރުމަތީ އޭޝިއާއަށް ރާނީ ކުރެއްވި މަސްދުވަހުގެ ދަތުރުފުޅުގައި ރާނީ ރާއްޖެ ވަޑައިގެންނެވި އިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ އިބްރާހިމް ނާސިރެވެ.

އުމުރުފުޅުން 96 އަހަރުގައި ރާނީ އަވަހާރަ ވި އިރު، ރާނީ އަކީ އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވި ކަމަނާއެވެ.

ރާނީ އެލިޒަބަތަކީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖު 1952 ވަނަ އަހަރު އަވަހާރަ ވުމުން ރަނިކަމާ ހަވާލުވެވަޑައިގެން އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމުގެ ޝަރަފު އޮތް ރާނީއެވެ. އެކަމަނާ ރަނިކަމުގައި ހުންނަވާތާ މިހާރު 70 އަހަރު ވީއެވެ.

އިނގިރޭސި ދައުލަތް ހިނގާ ގޮތުން، ވެރިކަމުގެ ބާރުގެ ތެރޭގައި ނުވަތަ ސަރުކާރު ހިންގުމުގެ ބާރުގެ ތެރޭގައި ރަސްކަމުގެ ނުވަތަ ރަނިކަމުގެ އެއްވެސް ދައުރެއް ނޯވެއެވެ. އަދި ސިޔާސީ ކަންކަމުގައި ރަސްކަމުގެ ފަރާތުން ބައިވެރިވެ ނޫޅުނަސް، ބަކިންހަމް ޕެލަސް އިން ކަމަކާ މެދު ދެކޭ ގޮތެއް ހާމަ ކޮށްފި ނަމަ، އެކަމަކަށް އެގައުމުގައި އިހުތިރާމް ލިބިގެން ދެއެވެ.

އެލިޒަބަތަކީ އިނގިރޭސި ރާނީގެ އިތުރުން އެ ރަސްކަމުގެ ދަށުގައި އޮންނަ ކޮމަންވެލްތުގެ 14 ގައުމެއްގެ ރާނީވެސް މެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެންޓިގުއާ އެންޑް ބާބުޑާ، އޮސްޓްރޭލިއާ، ބަހާމާސް، ބެލީޒް، ކެނެޑާ، ގްރެނާޑާ، ޖެމެއިކާ، ނިއުޒީލަންޑް، ޕަޕާ ނިއުގިނީ، ސެއިންޓް ކިޓސް އެންޑް ނެވިސް، ސެއިންޓް ލޫސިއާ، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑިއަންސް، ސޮލޮމޮން އައިލޭންޑްސް އަދި ޓްވާލޫއެވެ.

ރާނީ އަވަހާރަ ވުމުން ދެން ރަސްކަމާ ހަވާލުވެ ވަޑައިގަންނަވާނީ އެކަމަނާގެ ދަރިކަލުން އަދި އުމުރުފުޅުން 73 އަހަރު ޕްރިންސް ޗާލްސްއެވެ.