މާލެ އާއި ވިލިމާލޭގެ އާންމު ތަންތަން ސާފުކޮށް، އެ ތަންތަނުން ކުނި ނެގުމަށް ވެމްކޯ އާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

ވެމްކޯ އާ އެކު ކައުންސިލުން ވެފައިވާ އެއްބަސްވުން އެންމެ ފަހުން އާ ކުރީ މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން، ޑިސެމްބަރު 26 ގައެވެ. ތިން އަހަރު ދުވަހަށް އާކުރި އެ އެއްބަސްވުން އަންނަ ޑިސެމްބަރު 26 އަށް ހަމަވާނެއެވެ.

ވުމާއެކު އެ އެއްބަސްވުން އާ ނުކުރުމަށާއި، ކައުންސިލުން މާލޭން ކުނި ނަގާ ގޮތަށް ހުށަހެޅުއްވީ، ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝެވެ.

އެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ހުށަހަޅުއްވާފައިވަނީ އެއްބަސްވުމާ މެދު ކައުންސިލުން ގޮތެއް ނިންމުމުގެ ކުރިން ވެމްކޯ އާ އެކު މަޝްވަރާ ކުރުމަށެވެ. ސައިފްގެ ހުށަހެޅުމަށް ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ތާއީދުކުރެއްވި ނަމަވެސް، އެ އިސްލާހު ފާހެއްނުވިއެވެ.

ނަރީޝްގެ ހުށަހެޅުމަށް ވޯޓަށް އެހުމުގެ ކުރިން، ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލް ވަނީ ވެމްކޯގެ އެއްބަސްވުން މިހާރު އޮތް ގޮތުން ކައުންސިލަށް ލިބޭ ގެއްލުންތަކާއި، ކައުންސިލުން އަމިއްލަ އަށް ކުނި ނަގަން ފެށުމުން ލިބޭނެ ފައިދާތައް ސާފުކޮށްދެއްވައިފައެވެ.

މުޖުތަބާ ވިދާޅުވި ގޮތުގައި:

  • އެއްބަސްވުމާ އެއްގޮތަށް ވެމްކޯއިން ކުނި އުކާނުލާތީ އާންމުންގެ ޝަކުވާ ލިބޭ
  • ކިތަންމެ ބައިވަރު ކުންޏެއް ހުއްޓަސް ވެމްކޯ އިން ނަގަނީ ވަކި ގޮތަކަށް ބަންދުކޮށްފައި ހުންނަ އެކަނި
  • ވެމްކޯ އިން ޒިންމާ ރަނގަޅަށް އަދާ ނުކުރާތީ ކައުންސިލްގެ މުވައްޒަފުން ކުނި ނަގައި ވެމްކޯ އަށް ދިއުމުން ކައުންސިލްގެ ޕިކަޕަށް ޗާޖުކުރޭ

އޭނާ ވިދާޅުވީ، މިހާރު އޮތް ކައުންސިލުން މާލެ އާ ހަވާލުވި ފަހުން ވެމްކޯ އިން 45.6 މިލިއަން ރުފިޔާގެ ބިލް ފޮނުވާފައިވާ ކަމަށާއި، އޭގެން 38.7 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

ހަމަ އެހެންމެ މުޖުތަބާ ފާހަގަކުރެއްވި ގޮތުގައި، ވެމްކޯ އާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މާލޭގައި ކުނި އުކާލުމަށް 150 މުވައްޒަފުން، އަދި ވިލިމާލޭގައި 30 މުވައްޒަފުން އެ ކޯޕަރޭޝަނުން ގެންގުޅެއެވެ. އެ މުވައްޒަފުންގެ އެވަރެޖް މުސާރަ އަކީ 8،000ރ ކަމަށާއި، ނަމަވެސް ކައުންސިލުން އަމިއްލަ އަށް ކުނި ނަގާ ނަމަ، މާލޭގައި ބޭނުންކުރާ 150 މުވައްޒަފުންގެ ތެރެއަށް 85 މުވައްޒަފުން އަދި ވިލިމާލެ އަށް 15 މުވައްޒަފުން އިތުރުކޮށްގެން ކޮންމެ މުވައްޒަފަކަށް 10،000ރ ލިބޭ ގޮތަށް، ފައިދާ އާ އެކު ކައުންސިލަށް އެ ހިދުމަތް ދެވޭނެ ކަމަށް ވެސް މުޖުތަބާ ވިދާޅުވިއެވެ.

އަދި ދެ ފަރާތުން ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ކުނި އުކާލުމަށް ވެމްކޯ އިން ތިން އުޅަނދު ބޭނުންކުރި ނަމަވެސް، މުޖުތަބާ ވިދާޅުވި ގޮތުގައި ކައުންސިލަށް އެ މަސައްކަތުގައި ފަސް ބޮޑު ޕިކަޕާއި ނުވަ ކުޑަ ޕިކަޕު ބޭނުންކުރެވިދާނެއެވެ.

ނަރީޝްގެ ހުށަހެޅުމަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހްމަދު ޒަމީރާއި، ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ހިމެނެއެވެ.

އެ ހުށަހެޅުން ފާސްވެފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެ ވޯޓު ދެއްވި 12 ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ވެމްކޯ އާ އެކު ވެފައިވާ އެއްބަސްވުން އާނުކުރަން ނިންމި ނަމަވެސް، ކައުންސިލުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދެވޭނީ ސަރުކާރުގެ އެއްބާރުލުމާ އެކުގައި ކަމަށް ކައުންސިލުން ބުންޏެވެ.