ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ވ. އާރަށުގެ މައްސަލައިގައި މިއަދަށް ތާވަލް ކުރި ޝަރީއަތުގެ އަޑުއެހުން އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތީ ކެންސަލް ކޮށްފިއެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ދައުލަތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނަގާ ނިންމާލާފައިވާއިރު މިހާރު ކުރިއަށްދަނީ ދިފާއުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން އިއްޔެ ވަނީ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހެކިބަސް ނަގާފައެވެ. އޭނާ ހާޒިރުކޮށްފައިވަނީ ޔާމީނާއި، ޔޫސުފް ނައީމާއި ދެމެދުގައި ޑޮލަރު ގަތުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކޮށްދިނުމަށެވެ.

އޭގެ އިތުރުން މިދިޔަ އަންގާރަ ދުވަހު ވަނީ ދައުލަތުން ހުށަހަޅާފައިވާ އެންމެ ފަހު ދެ ހެކިވެރިންގެ ހެކިބަސް ނަގާ ނިންމާލާފައެވެ. އެ ދުވަހު ހެކިބަސް ދެއްވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.

މިއަދުގެ އިތުރުން މި މަހުގެ 5 ވަނަ ދުވަހު ތާވަލްކުރި މި މައްސަލާގެ އަޑުއެހުމެއް ކެންސަލްކޮށްފައިވާއިރު އެ ދުވަހު އެ އަޑުއެހުން ކެންސަލްކޮށްފައިވަނީ ޝަރީއަތުގެ މާލަމަށް ފެނުގެ އަސަރުކޮށްފައި ވާތީ އާއި މާލަމުގެ ސީލީންގްގެ އެކި ހިސާބުތަކުން ފެން ފައިބަމުންދާތީއެވެ.