މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އޭނާގެ ކުރިއަށް އޮތް ވޯލްޑް ޓުއާ ކެންސަލްކޮށްފިއެވެ.

ދާދިފަހުން ޖަސްޓިން ވަނީ މޫނުގެ އެއްފަޅި އެއްކޮށް ވާގިނެތި އެކަމަށް ފަރުވާ ކުރަން ޖެހިފައެވެ. އެ މައްސަލަ ދިމާވިއިރު އޭނާ ނަގަމުން ދިޔަ ޝޯތައްވެސް ވަގުތުން ކެންސަލްކުރުމަށްފަހު އޭނާ ވަނީ ވަގުތުން އެކަމަށް ފަރުވާ ކުރަން ފަށައިފައެވެ. "ރެމްޒީ ހަންޓް ސިންޑްރޯމް" ގެ ޝިކާރައަކަށްވެފައިވާ ޖަސްޓިންގެ ވޯލްޑް ޓުއާ ކެންސަލް ކުރަމުން އިންސްޓަގްރާމްގައި އޭނާ ހިއްސާކުރި ޕޯސްޓެއްގައި ބުނީ ދާދިފަހުން އޭނާ ބްރެޒިލަށް ގޮސް ހަ ޝޯ ދިން ކަމަށާއި ޝޯ ދިނުމަށްފަހު ހާމަވެގެންދިޔައީ އޭނާގެ ސިއްހަތު އެކަމަށް ތަން ނުދޭކަމަށެވެ.

އެކަމުގެ ސަބަބުން ސިއްހަތަށް އެންމެ ބޮޑު އިސްކަމެއް ދިނުމަށްޓަކައި ޝޯތައް ކެންސަލް ކުރަން މަޖުބޫރުވީ ކަމަށް ވެސް ޖަސްޓިން ވަނީ ބުނެފައެވެ. ޖަސްޓިން ބުނީ ފަރުވާކުރުމަށްފަހު އޭނާ އަލުން ޝޯތައް ދޭން އެނބުރި އަންނާނެކަމަށެވެ.

"މިވަގުތު އަހަރެން ބޭނުންވަނީ އަހަރެންގެ އަމިއްލަ ނަފްސަށް އެންމެ ބޮޑު އިސްކަމެއް ދޭން،"

ރިޕޯޓްތައް ބުނާގޮތުގައި ވޯލްޑް ޓުއާ ކެންސަލްކުރި ނަމަވެސް އިންޑިއާއަށް އޭނާ ކުރާ ދަތުރު ކެންސަލެއް ނުވާނެއެވެ. އަންނަ އޮކްޓޯބަރު މަހުގެ 18، ވަނަ ދުވަހު، އިންޑިއާގައި އޭނާ ޝޯ ދޭނީ ވެރިރަށް ނިއުދިއްލީގެ ޖަވާހިރްލާލް ނެހްރޫ ސްޓޭޑިއަމްގައެވެ. އެ ޝޯގެ ޓިކެޓްތައް މިހާރު ވިއްކަން ފަށާފައި ވާ އިރު، ޓިކެޓެއްގެ އަގު އުޅެނީ 4000 ރުޕީޒް ނުވަތަ 50 ޑޮލަރުން ފެށިގެން މަތީގައެވެ.

ޖަަސްޓިންގެ ބަލި ރެމްޒީ ހަންޓް ސިންޑްރޯމްއަކީ ނާރުތަކުގެ ނިޒާމަށް ޖެހޭ، މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މި ބަލި ޖެހެނީ، ބޮލު ތެރެއިން، ކަންފަތުގެ އެތެރެއާ ކައިރިން ނާރަކަށް، ވެރިސެލާ-ޒޯސްޓާ ވައިރަސް ހަމަލާ ދިނުމުންނެވެ.