ޖަލުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކަރެކްޝަންސް އަށް 51 އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުށް ކުރާ މީހުން މުޅި އުމުރު ދުވަހު ޖަލުގައި ހޭދަކުރަން ޖެހުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ގައިދީން އިސްލާހުކޮށް، މުޖުތަމައަށް އަލުން ނެރެން ޖެހެއެވެ.
"ގައިދީންނަކީ ވަކި މުއްދަތަކަށް މުޖުތަމައާ އެކަހެރި ކުރަން ޖެހޭ ބަޔަކަށް ވިޔަސް، އެއީ ހަމަ އަޅުގަނޑުމެންގެ މުޖުތަމައުގެ ފަރުދުން. އެހެންކަމުން، ގައިދީން އިސްލާޙުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގައިދީން ބަންދުގައި ބަހައްޓާފައި ހުންނަ ޖަލުތަކުގެ ހާލަތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާތީ، އެ ތަންތަނުގެ މިނިވަން އޮޑިޓެއް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ހަދާފައި ވާނެ ކަމަށެވެ. އެމަނިކުފާނު ވަނީ އެ އޮޑިޓުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަން ހިއްސާ ކުރައްވައިފައެވެ. އެގޮތުން:
- އިދާރީ ގޮތުން ޖަލުތައް އިސްލާހުކުރަން ޖެހިފައިވާ ކަން
- ގައިދީންނާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ އިސްލާހުތައް ގިނަކަން
އެ އޮޑިޓް ރިޕޯޓުގެ ހުށަހެޅުންތަކާ އެއްގޮތަށް، ކަންތައްތައް އިސްލާހުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ އޮޑިޓް ރިޕޯޓުގައިވާ ކަންކަމުގެ އިތުރުން، ރައީސް ދެން ފާހަގަކުރެއްވީ ޖަލުތަކުގެ ޖާގައިގެ މައްސަލައެވެ. އެ މައްސަލައަކީ މިހާރުން މިހާރަށް ހައްލުކުރަން ޖެހިފައިވާ މައްސަލައެއް ކަމަށާއި، އެ މައްސަލަ އަށް ހައްލެއް ހޯދުމުގެ މަސައްކަތްތައް މިހާރު ވެސް ކުރަމުން ދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖަލުތަކުގެ ޖާގަ މިހާރުވެސް ފުރިފައިވާ ކަމަށާއި، ޖާގައިގެ އިތުރަށް ގައިދީން މިހާރުވެސް ބަންދުކޮށްފައި އެބަތިބި ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި ކަރެކްޝަންސް އިންވެސް މިހެން ބުނެފައިވެއެވެ.
މާފުށި ޖަލަށް 50 ގޮޅީގެ ޔުނިޓެއް އިތުރުކުރަން ނިންމައި ހޯމް މިނިސްޓްރީން ވަނީ އެ ޔުނިޓްގެ ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން މިދިޔަ އޭޕްރިލް މަހު އިއުލާނުކޮށްފައެވެ.