ދެހާސް ސާދަ ވަނަ އަހަރު މޯހިތު ސޫރީ ޑައިރެކްޓްކޮށް ޝްރައްދާ ކަޕޫރު އާއި އަދިތްޔާ ރޯއީ ކަޕޫރު ކުޅުނު ވަރުގަދަ ފިލްމު "އޭކް ވިލަން" ގެ ދެވަނަ ބައި "އޭކް ވިލަން ރިޓާންސް" ނެޓްފްލިކްސްގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ފިލްމު ތިއޭޓާތަކުގައި އަޅުވައިގެން ވަނީ 64 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ. ސިނަމާތަކުން ނެގުމަށްފަހު މި ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ހަމަޖެއްސިއިރު ފިލްމުގެ ޓީމުން ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން މި ފިލްމު ނެޓްފްލިކްސް އިން ބަލައިލެވޭނެ ކަމަށެވެ. ދިޝާ ޕާޓްނީ، ޖޯން އަބްރަހަމް، ތާރާ ސުތައިރާ އަދި އަރުޖުން ކަޕޫރުގެ މޮޅު އެކްޓިންއެއް ފެނިގެން ދިޔަ މި ފިލްމަށް ކްރިޓީކުންގެ އިތުރުން އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

ކަޕޫރާ ބުޝަން ކުމާރުގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ އޭކް ވިލަން ރިޓާންސް އަކީ އަންހެން ކެރެކްޓާއިން ވެސް ވިލަންގެ ގޮތުގައި ފެނިގެންދާނެ ފިލްމެކެވެ. އަދި މި ކެރެކްޓާތަކަކީ އެއް ކެރެކްޓާ އާ އަނެއް ކެރެކްޓާ އާ ގުޅިފައިވާ ކެރެކްޓާތަކެއް ވެސްމެއެވެ. މި ފިލްމަށް އެންމެ ފުރަތަމަ އަރުޖުންގެ ބަދަލުގައި ހަމަޖެއްސީ އަދިތްޔާ ރޯއީ ކަޕޫރެވެ. ނަމަވެސް އަދިތްޔާ އާއި ޑައިރެކްޓަރު މޯހިތު އާއި ހިޔާލު ތަފާތުވުމުގެ ސަބަބުން އަދިތްޔާ ވަނީ އަމިއްލައަށް އެ ފިލްމު ދޫކޮށްލާފައެވެ.

"އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ.