ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޒޯން 1 ގެ ށ. އަތޮޅުގެ ފެރީ ހިދުމަތް ކަނޑައަޅާފައިވާ އަގުތަކުގައި މިއަދު ފަށައިފިއެވެ.
އެމްޓީސީސީން ބުނީ، ށ. އަތޮޅަށް އާރް.ޓީ.އެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމާއެކު، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ޒޯން 1 ގެ 3 އަތޮޅު ކަމަށްވާ ހދ. ހއ. އަދި ށ. އަތޮޅުގެ ރައްޔިތުންނަށް އާރްޓީއެލް ފެރީގެ ހިދުމަތް ލިބިގެން ދިއުމަކީ ލިބޭ ވަރަށްބޮޑު ފަހުރަކާއި ކާމިޔާބީއެއެއް ކަމަށް ދެކޭ ކަމަށެވެ. އަގު ނަގައިގެން ރަސްމީކޮށް ހިދުމަތް ފެށުމުގެ ކުރިން ށ. އަތޮޅުގެ ރަށްތަކަށް މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އާރްޓީއެލް ފެރީގެ ދަތުރުތައް ކޮށްދީފައި ވަނީ މުޅިން ހިލެއެވެ.
ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ހިދުމަތް ރަނގަޅަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމާއެކު، ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާ ކުރުން ކަމަށް އެމްޓީސީސީން ބުނެއެވެ. މި ހިދުމަތް އަގު ނަގައިގެން ފެށުނު ކަމުގައިވީ ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ދަފްތަރުގައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ރަސްމީކޮށް އަގު ނަގައިގެން ހިދުމަތް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. އަދި މިއަދުން ފެށިގެން ކަސްޓަމަރުން ޓިކެޓް ބަލައިގަތުމަށް ބޭނުންކުރަން ޖެހޭނީ އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ކަމަށް އެމްޓީސީސީން ބުނެއެވެ.
ޒޯން 1 ގެ ށ. އަތޮޅުގެ އާރްޓީއެލް ފެރީ ހިދުމަތް ހަފުތާއަކު ހަތް ދުވަހު، 4 ސްޕީޑް ފެރީ މެދުވެރިކޮށް 7 ރޫޓަކުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:
ށ. ބިލެއްފަހި – ހދ. ކުޅުދުއްފުށި )ރޫޓް S2V1 )
ށ. ބިލެއްފަހި – ށ. ފުނަދޫ )ރޫޓް S2V1)
ށ. ނޫމަރާ – ށ. ބިލެއްފަހިނޫމަރާ )ރޫޓް S2C5)
ށ. ކަނޑިތީމު – ށ. ބިލެއްފަހި )ރޫޓް S2C1)
ށ. ފީވައް – ށ. ފުނަދޫ )ރޫޓް S2C2)
ށ. ފުނަދޫ – ހދ. ކުޅުދުއްފުށި )ރޫޓް H2)
ށ. މަރޮށި – ށ. ފުނަދޫ )ރޫޓް S2C4)
އާރްޓީއެލް ފެރީގެ ހިދުމަތުގެ ޝެޑިއުލް އާރްޓީއެލް ވެބްސައިޓު އަދި އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ. އަދި ހިދުމަތާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުން ނަމަ އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅައިގެން މައުލޫމާތު ހޯދޭނެއެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަގްސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަ ކަމާއެކު ބޭނުން ކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުމެވެ.