މިދިޔަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ، އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލަ ޝަރީއަތަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ޝިއާއުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓް މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ފޮރެންސިކް ތަހްގީގުތައް ދަނީ ކުރަމުން ކަމަށާއި މުޅި މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ ލިބިފައިވީ ކަމަށް ފުލުހުން ބުނި ނަމަވެސް މިހާތަނަށް މި މައްސަލައިގައި ފުލުހުންނަށް ތަހުގީގުން އެއްކުރެވުނު މައުލޫމާތުތަކުގެ މާ ބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި 22 އަހަރުގެ އަލީ ޝާހިލް ޝަރީއަތް ނިމެންދެން ވަނީ ބަންދުކުރަން އަމުރު ކޮށްފައި ކަމަށާއި އޭނާ ހައްޔަރު ކުރި އިރު ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް މަސްތުވާތަކެއްޗަށް ހެދި ޓެސްޓުން އޭނާ ޕޮޒިޓިވްވެފައި ވަނީ ކޮން އެއްޗަކަށް ކަން ފުލުހުން ހާމައެއް ނުކުރެއެވެ.
ޝިއާއު އަށް ދީފައިވާ އަނިޔާގެ ތަފްސީލް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވާ އިރު، އެ މައުލޫމާތު ހިއްސާ ނުކުރީ އޭނާގެ އާއިލާއިން އެދިފައި ވާތީ ކަމަށާއި އަދި މިއީ ތަހުގީގުގެ ކުރީކޮޅު ކަމުން ބައެއް މައުލޫމާތުތައް ދިނުމަށް އުޒުރުވެރި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން މި މައުލޫމާތު ހާމަ ނުކުރި ނަމަވެސް ޝިއާއުގެ މަރާލާފައިވާ ސީންގެ ބައެއް ފޮޓޯތައް ވަނީ ލީކް ވެފައެވެ. މި ކަމާ ގުޅިގެން ފުލުހުން ބުނީ އެ ފޮޓޯތައް ލީކްވެފައި ވަނީ ފުލުހުން ތަހުގީގަށް ނަގާފައިވާ ފޮތޯ ނޫން ކަމަށާއި ކުށުގެ ވެއްޓަށް ވަދެ ފޮޓޯ ނަގައި ލީކް ކުރި މައްސލަަ ބަލަމުންދާ ކަމަށެވެ.