އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ޖެހޭ އާންމު ބައްޔެއް ކަމަށް ވާ ސާވިކަލް ކެންސަރުން ދިފާއުވާނެ ވެކްސިނެއް އިންޑިއާއިން އުފައްދައިފިއެވެ.
އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއި ޑިޕާޓްމަންޓް އޮފް ބައޯޓެކްނޮލޮޖީ ގުޅިގެން ތަރައްގީ ކުރި މި ވެކްސިނަކީ ހިއުމަން ޕެޕިލޯމާ ވައިރަސް (ކިޔުއެޗްޕީވީ) ނަމުން ނަންދީފައިވާ ވެކްސިނެކެވެ.
ހަބަރުތައް ބުނާ ގޮތުން 200-400 ރުޕީސްއަށް ވިއްކާނެ މި ވެކްސިން އިން ސާވިކަލް ކެންސަރު ޖެހުމުން ދުރުކޮށްދޭނެއެވެ.
ސާވިކަލް ކެންސަރަކީ، ދަރިމަވުމުގެ ނިޒާމަށް ޖެހޭ ކެންސަރުގެ ބާވަތެކެވެ. މި ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި ވެޖައިނާއިން ލޭ އައުމާއި ޑިސްޗާޖް އައުން ހިމެނެއެވެ. ފިރިހެނުންނާއި އަންހެނުންނަށްވެސް ޖެހުމުގެ ފުރުސަތު އޮންނަ މި ކެންސަރު ޖެހެނީ އާންމުކޮށް ޖިންސީ ގުޅުމުގެ ތެރެއިންނެވެ. ސާވިކަލް ކެންސަރަށް މަގުފަހިވާ 200 އެތައް ވައިރަސްއެއް އެޗްޕީވީ ގްރޫޕުގެ ތެރޭގައި ހިމެނޭ އިރު، ސާވިކަލް ކެންސަރަށް މަގުފަހިވަނީ އެ ވައިރަސް އަށަގަނެ ފަރުވާއެއް ނުކުރެވި ގިނަދުވަސްތައް ވާތީ ކަމަށް ދިރާސާތަކުން ދައްކައެވެ.
ސާވިކަލް ކެންސަރަކީ އިންޑިއާގައި ދެވަނައަށް އެންމެ ގިނަ ކެންސަރެވެ. ހާއްސަކޮށް އެ މަބިލި ޖެހިފައި ތިބި އަންހެނުންގެ އަދަދު ގިނަ ކަމަށް އިންޑިއާގެ ޕީއެސްއާރުއައި ހޮސްޕިޓަލްގެ ސީނީއާ ކޮންސަލްޓަންޓް އިން އޮންކޮލޮޖީ ޑރ. އަމިތް އުޕަދަޔޭ ވިދާޅުވެއެވެ.
ރާއްޖޭގައި ސާވިކަލް ކެންސަރަށް ފަރުވާ ހޯދާ މީހުން މަދެއް ނޫނެވެ. މި ދާއިރާގެ ތަފާސް ހިސަބުތަކެއް އަދި ފެންނަން ނެތް ނަމަވެސް ރާއްޖޭގެ ބައެއް ޑޮކްޓަރުން ވިދާލުވާ ގޮތުން، ރާއްޖޭގައިވެސް ސާވިކަލް ކެންސަރަކީ އާންމު ބައްޔެކެވެ.