މީހުންގެ ތެރޭގައި ނުކުމެ އުޅެން އުނދަގޫވާ ފަހަރު އާދޭދޯއެވެ؟ ތޮށްޖެހިފައި އޮންނަ ތަންތަނަށް ދިޔުމާއި މީހުންނާ ވާހަކަ ދައްކަން އުނދަގޫވާ ފަހަރުވެސް އާދޭދޯއެވެ؟

މަޝްހޫރު ސައިކޮލޮޖިސްޓް ޑޯން ޕޮޓާ ވިދާޅުވަނީ "ސޯޝަލް އެންޒައިޓީ" އެ ނަމުން ވެސް އެ އެންޒައިޓީ އަކީ ކޮބައިކަން ސިފަވެގެންދާ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި ސޯޝަލް އެންޒައިޓީ ހުންނަ މީހެއް ނަމަ އާންމު މީހަކު ހާސްވާ ވަރަށް ވުރެ ބޮޑަށް މަގުމައްޗަށް ނުކުންނަށް ހާސްވެ ބިރުގަންނާނެއެވެ. އޭގެ ސަބަބުން އޭނާ ހާސްވެ ކަންބޮޑުވާ ކަންތައްތައް ކުރުމުން އަމިއްލަ މީހާ ދުރުވާނެއެވެ. ވަޒީފާގެ މާހައުލުގައި ނުވަތަ ކޮލެޖު މާހައުލުގައި ވެސް މީހުންނާ ވާހަކަ ދައްކަން ނުކެރި ތިބޭ މީހުން މަދެއް ނޫނެވެ. އަނގައިން ބަހެއް ބޭރުވާނީ ވަރަށް ހާލުންނެވެ. ވަރަށް ވިސްނުމަށްފަހުއެވެ. މީހުންގެ މަލާާތާއި ފުރައްސާރަ އާއި މެދު ވިސްނޭނެއެވެ. މަޑުމަޑުން ތިބޭ މީހުން ވަޒީފާގެ މާހައުލުގައި ސިފަކުރަނީ އެއީ ވަރަށް ފޮނި މީހެއްގެ ގޮތުގައެވެ. ނަމަވެސް ހަގީގަތަކީ އޭނާ އަކީ އެންޒައިޓީގެ ޝިކަރާއަކަށްވެފައި ހުންނަ މީހެއް ކަމެވެ.

ޑރ ވިދާޅުވާ ގޮތުގައި ސޯޝަލް އެންޒައިޓީގެ ތަފާތު އެކި ވައްތަރު ހިމެނެއެވެ. އޭގެ ތެރޭގައި ހިންހަމަ ނުޖެހުން ނުވަތަ މީހުންނާ ގުޅިގެން ނުވަތަ ބޮޑު ނުވަތަ މަދު ގްރޫޕްތަކުގައި ކުރާ ކަންތައްތަކުން ދުރުވެވޭ ގޮތްވާ ކަމަށެވެ. މީގެ އިތުރުން މީހުންތަކެއް ކުރި މަތީ ވާހަކަ ދެއްކުމަކީ ހާއްސަ ވައްތަރެއްގެ ސޯޝަލް އެންޒައިޓީ އެއް ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ސޯޝަލް އެންޒައިޓީ އިން ސަލާމަތްވާނީ ކިހިނެއް؟

ޑރ. ޕޮޓާ ވިދާޅުވާ ގޮތުގައި އެންޒައިޓީ ހުންނަ މީހުން އެކަމަށް ފަރުވާ ކުރުމުން މުހިއްމެވެ. އޭނާއަށް އުނގަގޫވާ ކަންތައްތައް ސައިކޮލޮޖިސްޓަކަށް ހިއްސާކުރުމަކީ އެންމެ އެދެވޭ ގޮތެވެ. އެކަންތައްތައް ހިއްސާކުރަން ކިތަންމެ އުނދަގޫވި ނަމަވެސް އެ މައްސަލަތައް ސައިކޮލޮޖިސްޓަކާ ހިއްސާ ކުރުމަކީ މުހިއްމުކަމެއް ކަމަށް އޭނާ ދެކެއެވެ. ސަބަބަކީ ސޯޝަލް އެންޒައިޓީގެ ސަބަބުން މީހާގެ އާންމު ދިރިއުޅުމަށް ދަތިކަމެއް ކުރިމަތިވެ ރަހުމަތްތެރިންނާއި، ވަޒީފާގެ މާހައުލުގެ އިތުރުން ކައިވެނީގައި ވެސް ގިނަ މައްސަލަތަކެއް ދިމާވުން އެކަށީގެންވާތީވެއެވެ.

މީހެއްގެ ގާތު ބުނަން ބޭނުންވާ ވާހަކަ އެއް ބުނުމުގެ ކުރިން އެކަމަށް އަމިއްލަ ނަފްސް ތައްޔާރުވެލުމަކީ ސޯޝަލް އެންޒައިޓީ އިން ދުުރުވެވޭނެ ކަމެއްކަން ޑރ ފާހަގަކުރައްވާފައިވެއެވެ. މީހުން ގިނަ ތަންތަނުގައި ވާހަކަ ދައްކަން މަސައްކަތްކޮށް އަމިއްލަ ނަފްސް އެކަމަށް ތައްޔާރުވުމަކީ މުހިއްމު ކަމެކެވެ. އޭގެ އިތުރުން ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ އަކީ މުހިއްމު ތެރަޕީ އެއް ކަމަށް ޑރ ވަނީ ފާހަގަކުރައްވާފައެވެ. އެ ތެރަޕީ ނެގުމުން ކަންތައްތަކުގައި ތިމާ ދެކޭ ގޮތް ތަފާތުވެ މީހުންނާ ކުރިމަތިލާނެ ގޮތްތައް ދަސްވެ ދިމާވެދާނެ ކަމަކަށް ތައްޔާރުވާނެ ގޮތްތައް ވެސް އެނގި އެކަމާ ކުރިމަތިލާން ދަސްވާނެއެވެ. ހަމައެއާއެކު އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމަކީ ސޯޝަލް އެންޒައިޓީ އިން ސަލާމަތްވާނެ ގޮތެއް ކަމަށް އޭނާ ވިދާޅުވެއެވެ.

ބައެއްފަހަރު އާންމުންގެ ތެރޭގައި އުޅޭއިރު އަންކޮންފޮޓަބަލް ހެން ހީވާނަމަ އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތްކުރަން ޑރ އެދެއެވެ.

"މިއީ އެންޒައިޓީ. އަހަރެންނަކަށް އެމީހުންގެ މައިންޑެއް ރީޑެއް ނުކުރެވޭނެ. އަހަރެންނަކަށް ވެސް ނޭނގޭ އެމީހުން އަހަރެންނާއި ދޭތެރޭ އަސްލު ދެކޭ ގޮތް،" މިގޮތަށް އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ މަސައްކަތް ކުރުމަށް ޑރ ޕޮޓާ އެދެއެވެ.