ހަތަރު އަހަރުވަންދެން އެކުގައި އުޅުނު ލޯބިވެރިޔާ މޮޑެލް ކަމީލާ މޮރޯން 25، ރުޅިވުމަށްފަހު ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑިކެޕްރިއޯ 47، ސިންގަލްވެއްޖެއެވެ.

ޑިކެޕްރިއޯ އާއި ކަމީލާ ރުޅިވިކަން ނޫސްތަކުން ރިޕޯޓްކުރި ނަމަވެސް އެދެމީހުން ރުޅިވީ ކޮން ސަބަބަކާ ހުރެ ކަމަށް ހާމަކޮށްފައެއް ނުވެއެވެ. އަބަދުވެސް ޒުވާން ކުދިންނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކެޕްރިއޯ ކަމީލާ އާއި ރުޅިވުމަށްފަހު އާ ބައިވެރިއެއް ހޯދަން ތައްޔާރުކަމަށް ވަނީ ބުނެފައެވެ. މަޝްހޫރު މޮޑެލް ކަމީލާ އަކީ އެކްޓްރަސް ލޫސިއާ ޕޮލަކްގެ އަންހެން ދަރިފުޅެވެ.

ޑިކެޕްރިއޯ އާއި މޮރޯން ދިމާވެފައިވަނީ މޮރޯންގެ އުމުރުން 21 އަހަރުގަ އެވެ. ދެމީހުން ދިމާވީ އާއިލީ ކެއުމެއްގެ ތެރެއިންނެވެ. އެއަށްފަހު މަދުމަދުން ދެތަރިން އެކުގައި ފެންނަން ފެށިއިރު ދުވަސްކޮޅެއްފަހުން އިވުނީ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކުރުމުންނެވެ. އެއާއެކު އާންމުގެ ބޮޑު ފާޑުކިޔުންތަކެއް ޑިކެޕްރިއޯ އަށް އަމާޒުވިއެވެ. އަބަދުވެސް ޒުވާން އަންހެން ކުދިންނާ ރަށްޓެހިވާ ކަމަށް ބުނެއެވެ.

މި ގުޅުމަކީ ދެމީހުންގެ އާއިލާއިން ވެސް ވަރަށް ރުހޭ ގުޅުމެކެވެ. ކަމީލާ އާއި ޑިކެޕްރިއޯގެ ޑުއޯ ގިނަ ބަޔަކު ސިފަކުރީ "ޕާފެކްޓް މެޗް" ގެ ގޮތުގައެވެ. ޑިކެޕްރިއޯ އާއި ކަމީލާ ގުޅުނުއިރު އޭނާއަށް ވެސް އާންމުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

"ހޮލީވުޑްގައި އެބައުޅޭ ބައިވަރު ތަރިން އެމީހުންނަށް ވުރެ ބޮޑު މީހުންނާ ރަށްޓެހިވެގެން. އެމީހާ އަށް ވުރެ އުމުރުގެ ގޮތުން ހަގު މީހުންނާ ވެސް ގުޅިގެން. އަހަރެންނަށް ހީވަނީ އެމީހަކު ބޭނުންވާ މީހަކާ ރަށްޓެހިވުމުގެ ފުރުސަތު އޮންނަންޖެހޭނެ ހެން،" ފާޑުކިޔުންތަކަށް ރައްދުދެމުން ކަމީލާ ކުރިން ބުންޏެވެ.

މީހުންގެ ފާޑުކިޔުންތަކަށް ބީރުކަންފަތެއް ދިނުމަށްފަހު އެދެމީހުން ވަނީ ބޮޑެތި އިވެންޓްތަކުގައި ވެސް އެއްކޮށް ބައިވެރިވެފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2020 ވަނަ އަހަރުގެ އޮސްކާ އެވޯޑެވެ.

ޑިކެޕްރިއޯ ވަނީ މީގެ ކުރިންވެސް ޒުވާން ގިނަ ތަރިންނާ ލޯބީގެ ގޮތުން ގުޅިފައެވެ. އޭގެ ތެރޭގައި ބްލޭކް ލައިވްލީ، ނީނާ އަގްދާލް، ޓޯނީ ގާން އަދި ލޮރޭނާ ރޭ ހިމެނެއެވެ. މިހުރިހާ ތަރިންނަކީ ޑިކެޕްރިއޯ ރަށްޓެހިވެފައި ރުޅިވިއިރު ވެސް އުމުރުން 25 އަހަރުން ދަށުގެ ތަރިންނެވެ. ލިއޮނާޑޯ ޑިކެޕްރިއޯ އަދި ދުވަހަކުވެސް ކައިވެންޏެއް ކޮށްފައެއް ނުވެއެވެ. އަދި އޭނާގެ ދަރިއަކުވެސް ނުހުރެއެވެ.