ޔުނިވާސިޓީއަކުން ވަކި މުއްދަތެއް ވާންދެން ކިޔަވާލުމަށް ފަހު އެނބުރި އައިސް، ތުނބުޅި ދިގުކޮށް އަރަބި ހެދުމެއް ލުމަކުން ދީނީ އިލްމުވެރިއަކަށް ނުވާނެ ކަމަށް އެމްއެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ، ރޭ ވީޓީވީގެ "ބޮޑުފެންޑާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދީނީ އިލްމުވެރިންނާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މައުމޫން ވަނީ ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ. އެ ގޮތުން މީހަކީ ދީނީ އިލްމުވެރިއެއް ކަމަށް ނިންމާ ފަރާތަކީ ކޮބައިތޯ އާއި އެކަން ނިންމަނީ އެމީހަކު އަމިއްލައަށް ތޯ މައުމޫން އެއްސެވިއެވެ.

ހަމައެއާއެކު ދީނީ އިލްމުވެރިއެއްގެ ލަގަބް ދޭންވީ ޔުނިވާސީޓީއަކުން އަހަރަކު ނުވަތަ ދެ އަހަރަކު ތައުލީމް ހާސިލްކޮށްގެން އައިސް ތުނބުޅި ދިގުކޮށް ދީނީ ވައްތަރުގެ އަރަބި ހެދުން އެޅުމުން ދީނީ އިލްމިވެރިއަކަށް ވާނެތޯ މައުމޫން އެއްސެވިއެވެ. އަދި ހަމަ މީހަކު ނިކުމެ ވާހަކަ ދެއްކުމަކުން ވެސް ދީނީ އިލްމުވެރިއަކަށް ވާނެތޯ ވިދާޅުވެ މައުމޫން ސުވާލު އުފެއްދެވިއެވެ.

"ކޮންމެވެސް ޔުނިވާސިޓީ އަކުން އެއްއަހަރު ދެއަހަރު ކިޔަވާލާފަ ދެން އޭނާގެ މަންޒަރަށް ބަދަލުތަކެއް ގެނެސްފަ. ތުނބުޅިއެއް ބަހައްޓާފަ، ދީނީ ވައްތަރުގެ، މިދެންނެވީ އަރަބި ވައްތަރުގެ ހެދުމެއް އަޅައިގެން އުޅުނީމަ އެއީ ދީނީ އިލްމުވެރިއަކަށް ވީތޯ؟ އެއީ ދީނީ އިލްމުވެރިއަކަށް ވީކީ ނޫނޭ"
މައުމޫން އަބްދުލްގައްޔޫމް

މައުމޫން ވިދާޅުވީ، ކޮންމެވެސް ޔުނިވާސިޓީ އަކުން އެއްއަހަރު ދެއަހަރު ކިޔަވާލާފައި ދެން އޭނާގެ މަންޒަރަށް ބަދަލުތަކެއް ގެނެސްފައި އެމީހަކު ނިކުމެ ދީނީ ވާހަކަ ދެއްކުމަކުން އެމީހާ އަކީ ދީނީ އިލްމުވެރިއަކަށް ވީކީ ނޫން ކަމަށެވެ. ދީނީ އިލްމުވެރިއެއްގެ ލަގަބު ދޭންވީ ކިހާ ފެންވަރެއްގެ ބަޔަކަށްކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ދީނީ އިލްމުވެރިއަކަށް ވެވޭނީ ކިހާ ފެންވަރެއްގެ ސަނަދެއް އޮވެގެންކަން ބަޔާންކުރާ ގާނޫނެއް، އެމަނިކުފާނުގެ ވެރިކަމުގައި ހަދާފައިވާނެ ކަމަށެވެ.

އެގޮތުން އެ ގާނޫނުގައި ބުނާ ގޮތުގައި ދީނީ އިލްމުވެރިއަކަށް ވާނީ ސަރުކާރު ގަބޫލުކުރާ އިސްލާމިކް ޔުނިވާސިޓީއަކުން ނުވަތަ ކޮލެޖަކުން މަތީ ފާސް ހޯދައިގެން އަންނަ މީހުން ކަމަށް މައުމޫން ވިދާޅުވިއެވެ. ދީނީ އިލްމުވެރިއެއްގެ ލަގަބު ދޭ އިރު މި ކުރެވެނީ ކިހާވަރެއްގެ ކަމެއް ކަމާ މެދު ވިސްނާލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.