އާންމު ދިރިއުޅުމުގައި ދުވާލަކު 8 ގަޑިއިރު ނިދުމަކީ ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ މުހިއްމު ކަމެއް ކަމަށް މާހިރުން ބުނެއެވެ. ނަމަވެސް އާންމުކޮށް ނިދާ މިންވަރަށް ވުރެ ގިނައިން މީހަކު ނިދާ ނަމަ އެއީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށާއި އެ ފަދައިން ނިދާ ނަމަ ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހަދާލުމަކީ މުހިއްމު ކަމެކެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑރ. މުހައްމަދު އަލީ ވަނީ އެފަދަ ކޭސްއެއްގެ ވާހަކަ ހިއްސާ ކުރައްވާފައެވެ. އެ ކޭސްގެ ވާހަކަ ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ އެ ކޭސްގައި މާ ގިނައިން ނިދެނީ ކަމަށާއި ނިދީގައި ކުރެވޭ ނުކުރެވޭ ކަމެއް ވެސް ނޭނގޭ ކަމަށެވެ.

އެގޮތުން ދަރިފުޅަށް ބުއްފުޅި ހަދަން ހޫނު ކުރި ފެން ކަމަށް އެޅެނީ ކައްކާފައި ހުރި ރިހަތެލިން ރިހަ ކަމަށާއި އެހެން ދުވަހަކު ނިދި ޖެހުނީ ސައިކަލުމަތީ ދުއްވަން އިންދާ ކަމަށެވެ. ހިނގަ ހިނގާ ހުއްޓާ ވެސް ނިދޭ ކަމަށާއި ނަމާދައް ހުއްޓާ ވެސް ނިދި އަދި އެއްޗެއް ތެލުލާން ހުއްޓާ ވެސް ނިދޭ ކަމަށެވެ.

އެ ބަލި މީހާއަށް ދިމާވި ކަންކަން ހިއްސާ ކުރެއްވުމަށް ފަހު ޑރ. މުހައްމަދު އަލީ ވަނީ، މާގިނައިން ނިދޭތީ ޑޮކްޓަރަށް ދައްކަން އެމީހާއަށް ލަފާ ދިން ރައްޓެހި މީހާއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އެއީ ބައްޔެއް ކަމަށާއި އެއީ ފަރުވާ ދީގެން ރަނގަޅު ކުރެވޭ ބައްޔެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ބައްޔަށް ކިޔަނީ "ސްލީޕް އެޕްނިއާ" އެވެ. ޅައުމުރުގައި ހިތުގެ ނާރު ބެދި ހޮޅި ކޮޅެއް ލައްވަން ޖެހި، ލޭމަތިވެ، ހަކުރުމަތިވެ، ކޮލެސްޓްރޯލް މަތިވުމުގެ އަސްލު ސަބަބަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަކުރު ބަލި ހުންނަ މީހުންނާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް އަކީ ރާއްޖޭގައި ޒުވާން އުމުރުގެ ގިނަ ބަޔަކު ވެސް ތަހައްމަލު ކުރަމުން އަންނަ ބަލިތަކެވެ. ހަމައެއާއެކު މާ ބޮޑަށް ދުވާލުގެ ވަގުތުތަކުގައި ވަރުބަލިވެ، މަސައްކަތުގައި ހޭލައި އުޅޭ ވަގުތުތަކުގައި ވެސް ނިދި ތާއްޔާ ޖެހި ނިދޭ މީހުން އަހަރެމެންގެ ތެރެއިން ފެންނަ ކަން ފާހަގަ ކުރެވެއެވެ. މިފަދަ އަލާމާތްތައް ހުރެ އެކަމަށް ފަރުވާ ނުހޯދާ ދޫކޮށްލައިފި ނަމަ ނުރައްކާތެރި ހާދިސާތައް ހިނގުމަކީ ވެސް ވެދާނެ ކަން ގަބޫލު ކުރަން ޖެހެއެވެ.

ޑރ. މުހައްމަދު އަލީ ފާހަގަ ކުރެއްވި ފަދަ ބަލިތައް ހުންނަ މީހަކު މި ފަދައިން މާގިނައިން ނިދާ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކައިގެން "ސްލީމް އެޕްނިއާ" އަށް ފަރުވާ ހޯދިދާނެއެވެ.