ފޯސްޓް މެދުވެރިކޮށް 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެން މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

ކަސްޓަމްސްއިން އިއްޔެ ބުނީ އެ ތަކެތީގެ ބަރުދަނުގައި 1.674 ކިލޯ ހުރި އިރު އެ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖުތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ޕޯސްޓު ބަލައި ދިޔަ 23 އަހަރުގެ އަންހެން މީހާ ކަމަށްވާއިރު ބަންދުކުރަން ކުރި އަމުރުގައި ބުނެފައިވަނީ އެ އަންހެން މީހާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަށް އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދީފައިނުވާ ކަމަށެވެ.

އެގޮތުން ބަލާ ފާސްކުރެވުނު ޕެކޭޖަކީ ޖަރުމަނުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ކަމަށާއި އެ ޕެކޭޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ހަތަރު ޕެކެޓެއް ފެނިފައިވާ ކަމަށް ކަސްޓަމަސްއިން ބުނެއެވެ. އަދި އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރިއިރު އެ ހަތަރު ޕެކެޓު ތެރެއިން ދެ ޕެކެޓުގައި ހުރި ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެޓަަމައިންނަށް އަދި އަނެއް ދެ ޕެކެޓުގައި ހުރި ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންނަށް ޕޮޒިޓިވް ވެފައިވާ ކަަމަށް ކަސްޓަމަސް އިން ވަނީ ބުނެފައެވެ.