އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަތައް މަދުކުރުމާ އަދި ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް މަސައްކަތްތަކެއް ފަށައިފިއެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީގައި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އާންމުކޮށް ކުށުގެ ވެށީގައި ހަރަކާތްތެރިވަމުންދާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ސުވާލު ކުރުމާއި، ކުށްތައް ގިނަކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތަކުގައި ފުޓްފެޓްރޯލް ކުރުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރެއިން މިއަދު ވަނީ ކޯޓު އަމުރެއްގެ ދަށުން ހިތަދޫ ގެއެއް ބަލައި ފާސްކޮށް، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގޯ ޕްރޯ އަކާއި މޮބައިލް ފޯނުތަކެއް ހޯދާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަތައް މަދުކޮށް އެކަން ހުއްޓުވުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގޭބިސީތަކާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި ވައްކަމުގެ މައްސަލަތައް ގިނަވާ ކަމަށް ބެލެވޭ ގަޑިތަކުގައި ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އައްޑޫ ސިޓީއަކީ ކުށްމަދު އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، ވައްކަން ކުރުމުގެ ފުރުސަތު ނުދިނުމަށާއި ފައިސާއާއި އެހެނިހެން ތަކެތި ފަސޭހައިން ނެގޭގޮތަށް ނުވަތަ ފެންނަ ގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

އަދި ގޭގެ ދޮރުތަކާއި ފެންލައިޓުން ވެސް ވައްކަން ކުރަން ގޭގެއަށް ވަންނަން މަސައްކަތް ކުރާ މީހުންނަށް ނުވަދެވޭނޭ ހެން ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ރެކޯޑު ކުރެވޭ ގޮތަށް ކެމެރާ ސިސްޓަމް ހަރުކުރުމުގައި ގޭގެވަށައިގެން ފެންނާނޭހެން ކެމެރާ ހަރުކުރުމަށާއި ވައްކަމުގެ މައްސަލައެއް ފާހަގަ ކުރެވިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.