މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކުޑަކުދިންްނާ ގުޅުންހުރި 184 މައްސަލައެއް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސް (ސީއެފްޕީއެސް)އަށް ހުށަހަޅައިފިއެވެ.

ސީއެފްޕީއެސް އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކެވެ.

މިގޮތުން މިބާވަތުގެ 83 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 43 ފިރިހެން ކުދިންނާއި 40 އަންހެން ކުދިންނެވެ.

ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ހަޟާނާގެ މައްސަލަތަކެވެ. މިބާވަތުގެ 71 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 36 ފިރިހެން ކުދިންނާއި 35 އަންހެން ކުދިންނެވެ.

މީގެ އިތުރުން ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 17 މައްސަލައެއް މި ހަ މަސް ތެރޭގައި ވަނީ ހުށަހަޅާފައެވެ. އެއީ 8 ފިރިހެން ކުދިންނާއި 9 އަންހެން ކުދިންގެ މައްސަލައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދަރިންގެ ހަރަދު ދިނުމުގައި ޖެހޭ 13 މައްސަލައެއް މި މުއްދަތުގައި ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ފިރިހެން ކުދިންނާއި 3 އަންހެން ކުދިންނެވެ.