ކަނޑުމަސް ޕްރޮސެސްކުރާ ފަރާތްތަކުން ލައިސަންސް ނަގަންޖެހޭ ގޮތަށް ގަވައިދު އެކުލަވާލައިފިއެވެ.

މި ގަވާއިދުގެ ދަށުން ހާސިލްކުރަން ބޭނުންވާ މަގްސަދުތަކުގެ ތެރޭގައި، ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް، ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި، ކަނޑުމަހުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި، ހިންގައި، ބެލެހެއްޓުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުތައް ބަޔާން ކުރުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނުގައިވާ ކަންކަން ތަންފީޒުކުރުމާއި، ކަނޑުމަހުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާއި ގުޅޭ ކަންކަން ކަނޑައެޅުމުގެ އިތުރުން ކަނޑުމަހުގެ މަސްވެރިކަން މޮނިޓާކޮށް، ކޮންޓްރޯލްކުރުން ހިމެނެއެވެ.

މި ގަވާއިދުގެ ދަށުން ކަނޑުމަހުގެ މަސްވެރިކަމުގައި އާއި ކަނޑުމަހުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުން މަސްވެރިކަމާއި ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާންވާނީ، އެކަމަށްޓަކައި ފިޝަރީޒް މިނިސްޓްރީން ދޫކުރާ ސައްހަ ލައިސަންސެއް އޮވެގެން ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކަނޑުމަސް ޕްރޮސެސްކުރާ ފަރާތްތަކުން ލައިސަންސް ނަގަންޖެހޭ ގޮތަށް ގަވައިދު އެކުލަވާލަާފައިވާއިރު ލައިސެންސް ދޫކުރަނީ، މަސްވެރިކަން ކުރާ ބާވަތަށާއި އުޅަނދުގެ ބޮޑު މިނަށް ބަލައިފައެވެ. އަދި ކަނޑުމަސް ޕްރޮސެސްކުރާ ފަރާތްތަކުން ލައިސެންސް ނަގަންޖެހެނީ އެތަނަކުން ދުވާލަކު ޕްރޮސެސް ކުރެވޭ މިންވަރެއްގެ މަތީންނެވެ.

މިގޮތުން، މަސްވެރިކަންކުރާ އުޅަނދުތަކުގެ ކުޑަ ބޮޑު މިނަށާއި ބާވަތަށް ބަލައި، އެއް އަހަރާއި ދެ އަހަރުގެ މުއްދަތަށް ލައިސެންސް ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ފީގެ ގޮތުގައި 250ރ އާއި 1،800ރ އާ ދެމެދުގެ އަދަދެއް ދައްކަންޖެހެއެވެ.

މީގެ އިތުރުން މަސް ޕްރޮސެސްކުރާ ފަރާތްތަކުން، އެ ފެސިލިޓީ އެއްގައި ދުވާލަކު އެންމެ ގިނައިން ޕްރޮސެސްކުރެވޭ ރޯމަހުގެ ބަރުދަނަށް ބަލައި ގިނަވެގެން އެއް އަހަރު ދުވަހަށް ލައިސެންސް ދޫކުރަނީ 2،000ރ އާއި 15،000ރ އާ ދެމެދުގެ ފީއެއް ދެއްކުމުންނެވެ.

މި ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ އެއްވެސް މަސްވެރި އުޅަނދެއްގައި، ސީދާގޮތެއްގައި މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާކަމެކެވެ. ނަމަވެސް އުޅަނދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތްތައް ކުރުމަށްޓަކައި، އުޅަނދެއްގައި ގިނަވެގެން 2 ބިދޭސީންނަށް ވަޒީފާގައި ހަރަކާތްތެރިވުމުގެ ހުއްދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ގަވާއިދުގެ ދަށުން، ޖޫރިމަނާކުރެވޭނެ ފަރާތްތަަކާއި، ޖޫރިމަނާ ކުރެވޭ އަދަދުތަކުގެ އިތުރުން ކުށް ތަކުރާރުކޮށްފިނަމަ ޖޫރިމަނާ ކުރެވޭނެ އަދަދުތައް ކަނޑައަޅާފައިވާއިރު ޖޫރިމަނާ ކުރަނީ 500ރ. އިން ފެށިގެން 400،000ރ. އާ ދެމެދުގެ އަދަދަކަށެވެ.