އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށް، އަލަމްގިރީގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އާންމުންނަށް ސިއްރުކޮށްގެން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބަންގްލަދޭޝްގެ އަލަމްގިރީގެ މައްޗަށް ދައުވާ އިއްވުމުން އިއްޔެ އޭނާ ވަނީ ކުށަށް އިއުތިރާފް ވެފައެވެ. އެހެންކަމުން އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި ޝަރީއަތް ކުރިއަށް ގެންދަން މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ނިންމެވީއެވެ.

އަވަސް ނިޔާގެ އަޑުއެހުންތައް ބާއްވަން ޖެހޭނީ ހުރިހާ ފަރާތްތަކުން މަޖިލިހަށް ހާޒިރުވެގެން ކަމަށް ބުނެފައިވާތީ، އޮންލައިންކޮށް ފެށި އަޑުއެހުން ފަހުން ގެންގޮސްފައި ވަނީ ކޯޓުގައެވެ. ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ވެސް އަލަމްގީރު ވަނީ އޭނާ ވެފައިވާ އިއުތިރާފު ދަމަހައްޓައިފައެވެ.

އެއަށްފަހު އަދަބާ ގުޅޭގޮތުން ދެ ފަރާތުން ވެސް ވާހަކަ ދައްކާފައިވާއިރު، އަލަމްގިރީގެ ފަރާތުން އެދުނީ ވީހާވެސް ކުޑަ އަދަބެއް ދިނުމަށެވެ. ނަމަވެސް ދައުލަތުން އެދުނީ ކިހާ ވަރެއްގެ އަދަބެއް ދޭން ކަން ސާފެއް ނޫނެވެ.

ގާޒީ ވިދާޅުވީ، އަލަމްގިރީގެ މައްޗަށް ހުކުމް ކުރުމުގެ އަޑުއެހުން މާދަމާ ބާއްވާނެ ކަމަށެވެ.

އަލަމްގީރު ހައްޔަރުކުރީ ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކަކާ ގުޅިގެންނެވެ. އެ ވީޑިއޯތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮޮއްކޮ އަދި ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ވީޑިއޯތައް ހިމެނެއެވެ.

އެ މައްސަލައިގައި އެ ތިން މީހުން ހައްޔަރުކުރި ނަމަވެސް، ބަންދުގެ މުއްދަތު ހަމަވުމުން ތިން މީހުން ވެސް ވަނީ ދޫކޮށްލައިފައެވެ. ނަމަވެސް މި މަހުގެ ތެރޭ އެ ތިން މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.