ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށްފި ކަމަށާއި ނަމަވެސް ސުނާމީގެ ބިރެއް ނެތ ކަމަށް މެޓް އޮފީހުން ދާދި ދެންމެ ބުނެފިއެވެ.
މެޓް އޮފީހުން ބުނީ އިންޑޮނޭޝިއާގެ ސުމަޓްރާއަށް ބިންހެލުމެއް މިއަދު ހެނދުނު 08:29 ހާއިރު އައިސްފައި ވާ ކަމަށާއި އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރި ކަމަށެވެ.
މާލެއާއި 2854 ކިލޯމީޓަރު ދުރަށް އައި މި ބިންހެލުމުގެ ބާރުމިނުގައި 6.0 މެގްނިޓިއުޑް ހުރި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން އިތުރަށް ބުނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރި ނަމަވެސް މި ބިންހެލުމުން ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ ކަމަށެވެ.
މީގެ 17 އަހަރު ކުރިން ޑިސެމްބަރު 26، 2004 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާ އަށް އައި ބާރުގަދަ ބިންހެލުގައި މުޅި ރާއްޖެ ގުޑުވާލައި އެތައް ބަޔަކު މަރުވެ ހާލުގައި ޖެހި، ގެދޮރާއި އުފަން ރަށް ދޫކޮށް އެކި ރަށަރަށް ހިޖުރަ ކުރަން ޖެހުނެވެ.
އެ ސުނާމީގައި ރާއްޖެއިން ޖުމްލަ 84 މީހުން މަރުވެ، 26 މީހުން ވަނީ ގެއްލިފަވެ. އަދި 15،000 ދިވެހިގެ ގެދޮރު ގެއްލުނެވެ. ރާއްޖޭގެ އަބާދީގެ 62 ޕަސެންޓް މީހުން، މި ހިތްދަތި ކާރިސާގައި އެކި ކަހަލަ ގެއްލުންތަކާ ކުރިމަތިލާފައި ވެއެވެ.
2004 އަހަރުގެ އެ ސުނާމީ ކާރިސާއަށް ފަހު ދިވެހިން ސަމާލުވާ އެއް ކަމަކީ، ބިންހެލުމެވެ. ދުނިޔޭގެ ކޮންމެ ތަނަކަށް ބިންހެލުމެއް އަޔަސް އެކަމުގެ މައުލޫމާތު ދިވެހިންނަށް މުހިންމު ވަނީ އެ ހަނދާންތައް އަދިވެސް ދިރި ހުރުމުން ކަމަށް ގަބޫލުކުރަން ޖެހެއެވެ.
އެ ކާރިސާއަށް 18 އަހަރު ފުރެން ދާއިރު އިއްޔެ ހިނގާދިޔަ ހާދިސާއެއް ފަދައިން ސިފަވަމުން، އެ މަންޒަރު ދުށް ކޮންމެ ދިވެއްސެއްގެ ހިތުގައި ކަނޑާނެގިފައި ވެއެވެ. އެ ހާދިސާއިން އަރައިނުގަނެވި ތިބި ބައެއް ދިވެހިން މިއަދުވެސް ފެންނަ އިރު ބިންހެލުމުގެ ނުވަތަ ސުނާމީގެ އިންޒާރެއް އަންނަ ކަމަށް ވާނަމަ އެމީހުންގެ ލޯ މައްޗަށް އެދުވަހުގެ ހާދިސާ ސިފަވެގެން ދެއެވެ.