ސޮނީ ޓީވީ އިން ގެނެސްދޭ ޝޯ "ސުޕަސްޓާ ސިންގާ 2" ގެ ފައިނަލިސްޓުން ހާމަކޮށްފިއެވެ.

ރޭ އެ ޝޯގެ ސެމީ ފައިނަލް ދެއްކިއިރު ރޭގެ ޝޯ ހާއްސަކޮށްފައިވަނީ ނުވަދިހައިގެ އަހަރުތަކުގެ ލަވަތަކަށެވެ. ރޭގެ ޝޯގައި ވަނީ ނުވަދިހައިގެ އަހަރުތަކުގައި ކިޔާފައިވާ 90 ލަވަ ކިޔާފައެވެ. އޭގެ ތެރޭގައި ޝޯގެ ބައިވެރިންގެ އިތުރުން ކެޕްޓަނުން ވެސް ވަނީ ލަވަކިޔައިފައެވެ.

ތިންގަޑިއިރެއްހާ އިރަށް ދިގުދެމިގެންދިޔަ މި އެޕިސޯޑުގައި ކޮންމެ ބައިވެރިޔަކު މަދުވެގެން ދެ ލަވަ ކިޔާފައިވާއިރު ޝޯގެ ޖަޖުން ވެސް ވަނީ ރޭގެ އެޕިސޯޑުގައި ލަވަ ހުށައަޅާފައެވެ. ސުޕާސްޓާ ސިންގާ ސީޒަން 2 ގެ ކޮންޓެސްޓުންގެ ކެޕްޓަނުންނަކީ އިންޑިއަން އައިޑަލް 12 ގެ އެއްވަނަ ޕަވަންދީޕް ރާޖަން، އަރުނިތާ ކާންޖިލާލް، ސަލްމާން އަލީ މުހައްމަދު، ދާނިޝް އަދި ސައިލީ ކާމްބަލްއެވެ. ސުޕާސްޓާ ސިންގާ 2 ގެ ފުރަތަމަ އެޕިސޯޑެއް އާންމުންނާ ހަމައަށް އިއުލާންކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 32 ވަނަ ދުވަހުއެވެ.

ހަތަރު މަސްދުވަސް ވަންދެން ދިގުދެމިގެން ދިޔަ ޝޯގެ ފައިނަލިސްޓުންނަކީ މަނީ 11، ސައިޝާ ގުޕްތާ 7، މުހައްމަދު ފައިޒް 14، އާރްޔަނަންދާ ބާބޫ 14، ޕްރާންޖަލް ބިސްވާސް 12 އަދި ރިތުރާޖް 10، އެވެ. ސައިޝާ އާއި ޕްރާންޖަލް އަކީ ޕަވަންދީޕް ގެ ޓީމުގެ ދެ ބައިވެރިންނެވެ. އަދި ރިތުރާޖް އާއި މަނީ އަކީ ސަލްމާން ޓީމުގެ ދެ ބައިވެރިންނެވެ. ދާނިޝް ޓީމުގެ ބައިވެރިޔާ އަކީ އާރްޔަނަންދާއެވެ. އަރުނިތާ ޓީމްގެ ބައިވެރިޔާ އަކީ ފައިޒްއެވެ.

ރޭގެ ޝޯގައި ހަ ފައިނަލިސްޓުން ހޮވިއިރު ރޭގެ ޝޯއިން ވަނީ ފަސް ބައިވެރިން ކަޓާފައެވެ.

ސުޕާސްޓާ ސިންގާ 2 އިން މޮޅުވާ ބައިވެރިޔާ އަށް 15 ލައްކަ އިންޑިއަން ރުޕީސް ލިބިގެންދާއިރު ޝޯގެ ފައިނަލިސްޓުންނަށް 20 ލައްކަ އިންޑިއަން ރުޕީސްގެ ސްކޮލާޝިޕެއް ލިބިގެންދާނެއެވެ.