ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ އއ. އަތޮޅުގެ ތިން ރަށެއްގައި ހުންނަ މަގުބައްތިތައް މަރާމާތުކޮށް ބެހެއްޓުމުގެ އެއްބަސްވުމެއްގައި އެ ކުންފުނިން ސޮއިކޮށްފިއެވެ.

މިއަދު ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ އއ. އަތޮޅުގެ އުކުޅަހާއި ރަސްދޫގެ އިތުރުން، ތޮއްޑޫގެ ކައުންސިލްތަކާއެކުގައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ، އެ ކުންފުނީގެ އަބަދު ވެސް އަމާޒަކީ އާންމުން ބޭނުންވާ ހިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރުން ކަމަށެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވި ގޮތުގައި، ޝަރީފް މިކަން ކޮށްދެއްވީ އެ ރަށުގައި މިދިޔަ މޭ މަހު ބޭއްވި ވިއަތަތި ކޮންފަރެންސްގެ ހަވާސާއިން ބޭރުން ބޭއްވުނު ބައްދަލުވުމަކަށް ފަހުގައެވެ.

އއ. އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވާހަކަ ދައްކަވަނީ / ފޮޓޯ އަހްމަދު އިޔާދު | ދަ ޕްރެސް

"އަޅުގަނޑު ހަގީގަތުގަ ވެސް ވަރަށް އުފާވި. އަޅުގަނޑުމެންގެ ކުދިކުދި ރަށްރަށް އަޅުގަނޑުމެން ހިންގާއިރުގަ ވަރަށް ބޮޑު ދަތިތައް އެބަހުރި. ކުދިކުދި ކަންކަމަކީ ވެސް އަޅުގަނޑުމެން ކަހަލަ ވަސީލަތް މަދު، ފުދުންތެރިކަން ދަށް ރަށްރަށުގައި ހަގީގަތުގަ ކުރަން ދަތި ކަންތައްތައް." ޝައުކަތު ވިދާޅުވިއެވެ.

ޝައުކަތު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުން ފައިދާ ލިބިގަނެގެން ކުރިއަށް ދިއުމުގައި އަދިވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ހަމަ އެއާއެކު އޭނާ ވަނީ ސްޓެލްކޯ އިން އުކުޅަހަށް ދޭ ކަރަންޓުގެ ހިދުމަތްތަކުގެ ސަބަބުން، އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ކަން ފާހަގަކުރައްވައިފައެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، މިވަގުތު އއ. އަތޮޅުގެ ތިން ރަށެއްގައި މި ހިދުމަތް ފެށި ނަމަވެސް، އެ އަތޮޅުގެ އެހެން ރަށްރަށުގައި ވެސް މި ހިދުމަތް އަދި ފަށާނެއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، އުކުޅަހާއި، ތޮއްޑުއާއި ރަސްދޫގެ މަގުބައްތިތައް ދިއްލުމާއި މަރާމާތުކޮށް ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްޓެލްކޯއިންނެވެ.