ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް މަރުވެފައިވާ މީހަކު ހޯދަން ފުލުހުން އިއުލާނު ކުރީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފިއެވެ.

މީގެ ދެ އަހަރު ކުރިން، ޖުލައި 27 ގައި ހުށަހަޅާފައިވާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ހޯދުމަށް ފުލުހުން އިއުލާނުކޮށްފައި ވަނީ ޝަކުލުﷲ އަލީ ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން އޭނާ ހޯދަން އިއުލާންކުރި އިރު ޝަކުލުﷲ އަކީ މީގެ އަހަރެއްހާ ދުވަސް ކުރިން މަރުވެފައިވާ މީހެއް ކަން ވަނީ ހާމަވެފައެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރަން ކުރި އިއުލާނު ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު، އެ އިއުލާނުގައިވާ ގޮތުން އޭނާ މަރުވީ މިދިޔަ ޖޫން މަހުގެ 19 ގައެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، އެމީހާ ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރެވިފައިވަނީ އިދާރީ އޮޅުމަކުން ކަމަށެވެ.

ފުލުހުން ވަނީ ޝަކުލުﷲ ގެ އާއިލާއާއި އާންމުންގެ ކިބައިން، މައާފަށް ވެސް އެދިފައެވެ.

އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މިފަދަ ކަންކަމުގައި އަމަލުކުރަމުންގެންދާ އުސޫލުތަކަށް ގެންނަޖެހޭ ބަދަލުތައް ގެންނާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.