އެމްޑަބްލިއުއެސްސީން ކަސްޓަމަރުންނަށް ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށް ނުވަތަ އީ-ޕޯޓަލްއަށް އާ ބަދަލުތަކެއް ގެނެސް، އިތުރަށް ތަރައްގީކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ހިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ މައިގަނޑު މަގްސަދަކީ، ކަސްޓަމަރުންނަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ވީހާވެސް ލުއިފަސޭހަކަމާއިއެކު ހިދުމަތްތައް ލިބޭނޭ އިންތިޒާމްތައް ހަމަޖައްސައި ދިނުން ކަމަށެވެ.

މިގޮތުން، އީ-ޕޯޓަލްއަށް ގެނައި މި ބަދަލުތަކާއި އެކު އީ-ޕޯޓަލް ބޭނުންކުރުމުގައި ކަސްޓަމަރުނަނަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލްއަށް ގެނެވިފައިވާ ބަދަލުތަކަކީ:-

  • އީޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުން ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގެ މައުލޫމާތު އެއް ތަނަކުން ބަލައިލެވޭނެ
  • އީ-ޕޯޓަލްއަށް ލޮގިންވުމަށް އީ-މެއިލްގެ ބަދަލުގައި މިހާރު މޯބައިލް ނަންބަރު ބޭނުންކޮށްގެން ލޮގިންވެވޭނެ.
  • އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލްތަކަށް އެއްފަހަރާ ފައިސާ ދެއްކޭނެ. އަދި ޕާސްޓް ޕޭމެންޓް އުސޫލުންވެސް ބިލްތަކަށް މިހާރު އީ-ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކާލެވޭނެ.
  • އީ-ޕޯޓަލްގައި މިހާރު ކުންފުނިތަކުގެ އެކައުންޓްތައްވެސް ހުޅުވޭނެ.
  • ފެންބިލްތަކުގެ ތެރެއިން ޑިއުވެފައިވާ ބިލްތަކާއި ބިލްތަކުގެ ތަޕްސީލު ފަސޭހަކަމާއިއެކު ބަލާލެވޭނެ.
  • ވަކިވަކި މީޓަރުތަކުން ފެންބޭނުން ކުރެވިފައިވާ ގޮތުގެ ތަފްސީލާއި، ފެން މީޓަރުގެ ރީޑިންގްވެސް އީ-ޕޯޓަލް މެދުވެރިކޯށްބަލާލެވޭނެ.
  • ރ.ދުވާފަރުގެ ކަސްޓަމަރުންނަށް އީ-ޕޯޓަލްގައި ކަރަންޓު މީޓަރު އެޑްކޮށް ރީޑިންގްވެސް ބަލާލެވޭނެ.
  • ފެންބިލްތަކުގެ ސްޓޭޓްމަންޓްތައް ފާއިތުވި ހަ މަސް ދުވަހާއި ހަމަޔަށް ބަލާލެވޭނެ.

އެމްޑަބްލިއުއެސްސީން ބުނީ، މި އީ-ޕޯޓަލަށް މިގެނައި އާ ބަދަލާއެކު ކަސްޓަމަރުންނަށް އެކުންފުނީގެ ހިދުމަތްތައް ހޯދައި ލިބިގަތުމަށް އިތުރަށް ލުއި ފަސޭހަވެގެންދާނެ ކަމަށެވެ.