މާލޭގެ ފިހާރައެއްގެ ތެރޭ 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެމީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ދަރިވަރަކަށް ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯ އެއް ދެއްކި ޓީޗަރަކު ވަނީ ސަސްޕެންޑުކޮށްފައެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެން ގާތްވެފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ސްކޫލްތަކަކީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކޮށްދިނުމަށްޓަކައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހަކު ސްކޫލްގައި ނުބަހައްޓާނެ ކަމަށެވެ.

ހަމަ އެފަދައިން، ސްކޫލްތަކުގެ މާހައުލުގައި ހިނގާ ކަންކަން ބަލަމުން ދާނެ ކަމަށާއި، އެފަދަ އަމަލެއް ހިންގުމުގެ ފުރުސަތު ސްކޫލް މާހައުލުގެ ތެރެއިން ލިބިގެން ނުދާނެ ގޮތަކަށް ސްކޫލްތަކުގެ ކަންކަން އިންތިޒާމް ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.