ގަވާއިދުން މަސައްކަތް ނުކުރާ މީޑިއާތައް ކުރިއަށް އޮތް މޯލްޑިވް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބުގައި ވޯޓު ދިނުމުން އެއްކިބާ ކުރަން ޖެހޭ ކަމަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އިން ބުނެފިއެވެ.
އައިއެފްޖޭ އިން ރާއްޖެއަށް ކުރި ދަތުރުގައި ވަނީ ނޫސްވެރިންނާއި މީޑިއާތަކުގެ ވެރިންނާއި ކަމާ ގުޅޭ ޖަމިއްޔާ ޖަމާއަތްތަކާ ބައްދަލުކޮށްފައެވެ. އައިއެފްޖޭ އިން ވަނީ މަޝްވަރާތަކުގައި ފާހަގަކުރެވުނު ގޮތުގައި ހެއްކާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކަކީ މި ދާއިރާގެ ފަރާތްތަކުގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލަކަން ފާހަގަ ކޮށްފައެވެ. ނަމަވެސް ރާއްޖޭގައި ފުރިހަމަ އަދި ދިރުންހުރި މިނިވަން މީޑިއާއެއް ކުރިއެރުވުމަށް ހުރަސްއެޅޭ އެހެނިހެން މައްސަލަތައް އައިއެފްޖޭގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
އެގޮތުން ސިޔާސީ ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ "ޝެލް މީޑިއާ ކުންފުނިތަކުގެ" މައްސަލަ ވީހާވެސް އަވަހަށް ބަލައި ހޯދުންތައް ދެ ފުށް ފެންނަ ގޮތެއްގައި ހާމަ ކުރުމަށް ދިވެހި ސަރުކާރަށް އައިއެފްޖޭއިން ވަނީ ގޮވާލާފައެވެ.
އެމްއެމްސީގެ މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ މީޑިއާތަކަކަށް ވެސް ލިބިގެންވާތީ މި މައްސަލައިގައި ނޭދެވޭ ނަތީޖާ ވަރަށް ބޮޑަށް ނިކުންނަ ކަމަށް އައިއެފްޖޭއިން ބުނެއެވެ. ގަވާއިދުން މަސައްކަތް ނުކުރާ މީޑިއާތައް ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ދިނުމުން އެއްކިބާ ކުރަން ޖެހޭ ކަމަށް ވެސް އައިއެފްޖޭ އިން ބުނެއެވެ. އެގޮތަށް ބަދަލު ގެނެސްފި ނަމަ ސައްހަ މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންގެ މަސްލަހަތު ތަމްސީލު ކުރެވޭނެ ކަން ކަށަވަރު ވެގެން ދާނެ ކަމަށް ވެސް އައިއެފްޖޭ އިން ބުނެއެވެ.
މި މަހުގެ 22 ވަނަ ދުވަހު މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުޅުވާލާފައި ވީ ނަމަވެސް މިއަދު ވަނީ އެ އިއުލާން ބާތިލްކޮށްފައެވެ.
އައިއެފްޖޭއިން ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތައް:
- މޯލްޑިވްސް ބްރޯޑްކާސްޓިން ކަމިޝަނާއި ޕަބްލިކް ސާވިސް މިޑިއާއަށް ސިޔާސީ މީހުން އައްޔަން ކުރުމުމުގެ ސަބަބުން އެ މުއައްސަސާތަކަށް ކެނޑިނޭޅި ސިޔާސީ ނުފޫޒު ފޯރުވުން.
- ނޫސްވެރިންގެ މުސާރައިން އުނިކުރުމުގެ އުސޫލެއް ފުލާ ދާއިރާއެއްގައި ގެންގުޅުމުގެ ސަބަބުން މަސައްކަތްތރިކަމުގެ ހައްގުތައް ނިގުޅައިގަތުން.
- މަސައްކަތުގެ މާހައުލުގެ ތެރޭގައި ދިމާވާ ކަންކަމާއި މުޖުތަމައުގެ ވިސްނުން ހުރި ގޮތުން އަންހެނުން ނޫސްވެރިކަމުގެ ދާއިރާ އާ ދުރަށް ދިއުން.
- ނޫސްވެރިންނަށް ޕްރޮފެޗަނަލް ތަމްރީންގެ ފުރުސަތުތަކާއި މީޑިއާގެ ހައްގުތަކާއި ޒިންމާތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ތަމްރީންގެ ފުރުސަތުތައް ނެތުން.
- ފްރީލާންސް ނޫސްވެިރންނަށް އެކްރެޑިޓޭޝަން ލިބުމުގައި ހުރި ހުރަސްތައް
- "ޝެލް މިޑިއާ" ކުންފުނިތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮތުމުގެ ސަބަބުން މިފަދަ ވޯޓްތަކުގެ ސަބަބުން މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވޭ ގޮތަށް ސިޔާސީ ނުފޫޒު ފޯރުވުމާ ގުޅިގެން މީޑިއާ ކައުންސިލްގެ ލެޖިޓިމަސީއާ މެދު ސުވާލު އުފެދުން
- ނޫސްވެރިންނާ ދެކޮޅަށް ކުރާ ކުށްތަކަށް އަދަބު ނުދިނުމުގެ ސަގާފަތް އަދި ދީނީ ގޮތުން ހައްދު ފަހަނައެޅި ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން މިޑިއާ މިނިވަންކަމާއި ސިންދަފާތުކަމަށް އަސަރުކުރާކަން.
- އެކާށިގެންވާ މުއްދަތެއްގެ ތެރޭގައި މައުލޫމާތު ނުލިބުމާއި، ސަރުކާރާއި ދައުލަތުގެ އެކި ޑިޕާޓްމަންޓްތަކުން މައުލޫމާތު ހޯދައި ލިބިގަތުމަށް ދިގު މުއްދަތެއް ހޭދަވުން.
- ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުރާޖާ ކުރެވިފައި ނުވާ ނޫސްވެރިންގެ ސުލޫކީ މިންގަނޑެއްގެ ބޭނުންތެރިކަން
- ރަސްމީ ވަޒީފާގެ އެއްބަސްވުމެއް ނެތި ނޫސްވެރިން ވަޒީފާ އަދާކުރާ މިންވަރު އިތުރުވުން.
- މީޑިއާތަކުގައި މަސައްކަތް ކުރާ ފާރާތްތައް ހިމެނޭ ގޮތަށް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އިންޑަސްޓްރިއަލް ނުވަތަ ގާނޫނީ އޮނިގަނޑެއް ނެތުން
ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ރާއްޖޭގެ މިހާރުގެ ސަރުކާރުން ވައުދުތައް ވެފައިވީ ނަމަވެސް، ނޫސްވެރިންނަށް އަދިވެސް ރާއްޖޭގައި ހުރަސްތަކެއް އެބަ ހުރި ކަމަށް އައިއެފްޖޭ އިން ބުނެއެވެ. ނޫސްވެރިން އެދެވޭ ގޮތުގައި މަސައްކަތް ނުކުރާ ކަމަށް ބުނެ ނުވަތަ ދުވާލެއްގެ މައްޗަށް ވަކި އަދަދަކަށް ހަބަރު ނުއުފައްދާ ކަމަށް ބަލައި މީޑިއާ ކުންފުނިތައް ނޫސްވެރިންގެ މުސާރަ އުނިކުރުމުގެ ސިޔާސަތެއް ފުޅާ ދާއިރާއެއްގައި ގެންގުޅެމުންދާ ކަން އެނގުމުން ނުހަނު ކަންބިޑުވާ ކަމަށް އައިއެފްޖޭ އިން ބުނެއެވެ. މި އުސޫލަކީ ނޫސްވެރިންގެ މަސައްކަތްތެރިކަމުގެ ހައްގުތަކަށް އަރައިގަތުން ކަމަށް އައިއެފްޖޭ އިން ބުނެއެވެ. މީއީ ފެންވަރު ރަނގަޅު ނޫސްވެރިކަމެއް އާލާކުރުމަށް މަގުފަހިވާނެ ކަމެއް ނޫން ކަމަށް ވެސް އައިއެފްޖޭ އިން ބުނެއެވެ.
މިއާ އެކު ވަޒީފާގެ އެއްބަސްވުމެއް ނެތުމާއި ނޫސްވެރިން ހާއްސަކޮށް ފްރީލާންސް ނޫސްވެރިން އެކްރެޑިޓޭޝަން ހޯދުމުގައި ހުރި ހުރަސްތައް ވެސް ފާހަގަ ކުރެވުނު ކަމަށް އައިއެފްޖޭ އިން ބުނެއެވެ. މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ބޭނުން ނުހަނު ބޮޑަށް އެބަ އޮތް ކަމަށާއި އެކަން ކުރެވޭނީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ އޮނިގަނޑު ހަރުދަނާ ކޮށްގެން ކަމަށް ވެސް އައިފްޖޭ އިން ބުނެއެވެ.